މިމަހުގެ ފަސްވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަން އިއުލާނުކުރި 31 އަހަރުގެ ސ. މަރަދޫފޭދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން 150 ގަޑިއިރަށްވުރެ ގިނައިރުގެ ސީސީޓީވީ ފުޓޭޖް ބަލައިފިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދިރިއުޅޭގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާތައް ބަލާފައިވާކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނައިރުގެ ފުޓޭޖް މިހާރު ބަލާފައި ވާކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ބެލިބެލުމުން ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ 19:20ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އޭނާ އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން ދެން އޭނާ ދިޔަ ހިސާބެއް މިހާތަނަށް އެނގިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އޭނާ ހޯދުމަށް، އެއާޕޯޓު ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އުޅޭ މީހުނަށް އޭނާގެ ފޮޓޯ ދައްކާ ފެނިފައިވޭތޯ އަހާފައިވާކަމަށް ފުލުހުން ބުންޏެވެ.

އެއްވެސް ބުކިންއެއް ހައްދާ ރާއްޖެއިން ބޭރަށް ނުވަތަ އެހެން ރަށަކަށް އާސިރު ދިޔަތޯ ފުލުހުން ވަނީ ބަލާފައެވެ. ފުލުހުން ބެލިބެލުމުން އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް ނުވަތަ އެހެން ރަށަކަށް ވެސް ގޮސްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މީގެ އިތުރުން މުހައްމަދު އާސިރު އިސްމާއީލް އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ އައިޑެންޓިފައިކޮށް އެ ޓެކްސީގެ ޑްރައިވަރަކާ ތަހުގީގު ޓީމުން ވަނީ ސުވާލުކޮށްފަ،" ފުލުހުން ބުންޏެވެ.

އޭނާ ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި ކ. މާފުށީގެ ހުރިހާ ގެސްޓްހައުސްއަކާއި އަތޮޅުތެރޭ ގެސްޓްހައުސް ތަކުން އެއްވެސް ޚިދުމަތެއް ހޯދާފައިވޭތޯ ވެސް ބަލާފައި ވާކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު އާސިރު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވާއިރު، ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 19:30 ހާއިރުކަމަށް އާއިލާއިން ބުނި ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް، އާއިލާއާ ހަވާލާދީ، ފުލުހުން ހާމަކުރިއެވެ.

އާސިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.