16 Feb 2023, 16:49
ބޮޑުތަކުރުފާނުގެ ހަޔާތްޕުޅާ އެމަނިކުފާނު ކުރެއްވި ޤައުމީ ޖިހާދުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ އަޑުން އުފައްދާ ރޭޑިއޯ ޑްރާމާ، "ޤައުމި ޖިހާދު" މިއަދު އިފްތިތާހް ކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރޭޑިއޯ ޑްރާމާ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުއެވެ.
ރޯދަ މަހާ ދިމާކޮށް އަޑުން ނެރޭ، މި ރޭޑިއޯ ޑްރާމާގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަނީ ދިވެހި ބަހުގެ އުސްތާޒެއް އަދި ތާރީޚު ދިރާސާކުރާ ބޭފުޅެއް ކަމަށްވާ ކަށިމާ އަހުމަދު ޝާކިރުއެވެ. މި ރަސްމިއްޔާތުގައި ޝާކިރު ވަނީ ޤައުމީ ޖިހާދުގެ ސްކްރިޕްޓް ރަސްމީކޮށް ދިވެހިރާއްޖޭގެ އަޑާ ހަވާލުކޮށްދެއްވާފައެވެ.

ޤައުމީ ޖިހާދު، ޑްރާމާގެ ޕްރޮޑިއުސަރު އަލީ ރާޒީ -- ފޮޓޯ/ ސަން މީޑިއާ
'ޤައުމީ ޖިހާދު'، ޑްރާމާގެ ޕްރޮޑިއުސަރު އަލީ ރާޒީ ވިދާޅުވީ މިފަދަ ކަމެއް ކުރުމަށް ޚިޔާލަށް އައިސް އަދި ކުރެވެމުންދާތީ އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދިންކަމަށް ޓަކައި ޝާކިރަށް ޝުކުރު އަދާކުރެއްވިއެވެ.
"ކަށިމާ ޝާކިރުގެ ހިތުގަ މި މަސައްކަތަށް ހުރި ޝައުގުވެރިކަން އެނގިގެން ދިޔައީ މަސައްކަތް ކުރަން ފެށިތާ ހަފްތާއެއް ތެރޭ ޑްރާމާގެ ފުރަތަމަ ދެ ސްކްރިޕްޓް އަޅުގަނޑަށް ލިބުނު ހިސާބުން" ރާޒީ ވިދާޅުވިއެވެ.
ރާޒީ ވިދާޅުވީ ޝާކިރުގެ ސްކްރިޕްޓުން އެ ޒަމާނުގެ މީހުން ވާހަކަދެއްކުން ހުރި ގޮތް ވަރަށް ރަނގަޅަށް އެނގިގެންދިޔަ ކަމަށާ މިއީ މުޅިން އާކަމެއް ކަމަށެވެ. އަދި އެ ބަސްތަކާއެކު މި ޑްރާމާ އާންމުންނަށް ގެނެސްދޭނެ ކަމަށް ރާޒީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނެތް ޒަމާނެއްގެ ކަމެއް އަޅުގަނޑުމެންގެ ލޯ މައްޗަށް ގެނެސް ދިނުމަށް ކުރި ބުރަ މަސައްކަތެއް މީ." ރާޒީ އިތުރަށް ވިދާޅުވިއެވެ.

ކަށިމާ ޝާކިރު، ޤައުމީ ޖިހާދުގެ ސްކްރިޕްޓް ރަސްމީކޮށް ދިވެހިރާއްޖޭގެ އަޑާ ހަވާލުކޮށްދިނުން -- ފޮޓޯ/ ސަން މީޑިއާ
ކަށިމާ ޝާކިރު ސިފަކުރެއްވި ގޮތުގައި މި ޑްރާމަ އަކީ ފިލާވަޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅާ ކުރެއްވި ޤައުމީ ޖިހާދާ ގުޅިގެން މީހުންގެ ހިތުގަ އުފެދިފަ ހުރި ބައެއް ސުވާލުތައް އޮޅުންފިލުވައިދިނުމުގެ ގޮތުން ކުރެއްވި މަސައްކަތެކެވެ.
ޝާކިރު އިތުރަށް ވިދާޅުވީ މި މަސައްކަތް ޑްރާމާއެއްގެ ސިފާގައި އާންމުންނަށް ނެރުމުގެ މަސައްކަތުގައި ވެވުނު އެހީތެރިކަމެއް ވާނެ ކަމަށެވެ.
"މިއަދު އަޅުގަނޑު އައިއްސަ ވާހަކަދައްކަމުން ދާއިރު، މި ޑްރާމާގެ ނުވަ އެޕިސޯޑެއް ވަނީ އެއްކޯށް ނިމިފަ. އިރާދަކުރެއްވިއްޔާ ރޯދަމަސް އައުމުގެ ކުރިން ކުރިއަށްހުރި އެޕިސޯޑްތައް އެއްކޮށް ނިންމާނަން." ޝާކިރު ވިދާޅުވިއެވެ.
'ޤައުމީ ޖިހާދު' ރޭޑިއޯ ޑްރާމާގެ ކާސްޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެސެންޓަރުންނެވެ. އެ ރޭޑިއޯ ސްޓޭޝަންގެ އެންމެ ބޮޑު އަމާޒަކީ، މިއީ މުސްތަގުބަލުގައި ތާރީޚުގެ ތެރެއަށް ވަދެގެންދާނެ އަގުހުރި މަސައްކަތަކަށް ހެދުމެވެ.