16 Feb 2023, 17:26
މާލޭގެ މަގުމަތީ ސަލާން ޖަހަމުން އައި ޖަޕާން މީހެއް، އާންމުންގެ ސަމާލުކަމަށް އައުމާއެކު ފުލުހުން އޭނާއާ ސުވާލުކުރުމަށްފަހު މޯލްޑިވްސް އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.
އޭނާ އައީ މާލޭގެ އެކި ހިސާބުތަކުގައި އެކި ވަގުތުތަކުގައި ސަލާން ޖަހަމުންނެވެ. އޭނާގެ މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ އޭނާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ޕޯސްޓުތަކުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ޕޯސްޓުތަކުގައި ވަނީ އޭނާ ސަލާންޖަހަން ބޭނުންކުރާ އެކި އުކުޅުތަކުގެ ވަހަކަ ދައްކައިފައެވެ. އެގޮތުން ބައެއް މީހުން ގާތު އޭނާ ކައިވެނިކޮށްގެން އުޅުނު ދިވެހި މީހާ އޭނާ ވަރިކޮށްފައިވާކަމަށް ބުނެއެވެ. އަދި އުޅެނީ ދަތި ހާލުގައި ކަމަށް ވެސް ބުނެއެވެ.
އެއާއެކު ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ އެ މައްސަލަ ތަހުގީގުކޮށް އޭނާއާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށް އޭނާއާ ސުވާލުކޮށްފައިވާކަމަށެވެ. އަދި ބޭނުންވާ މައުލޫމާތު ސާފުކުރުމަށްފަހު އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާކަމަށް ވެސް ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން އިމިގްރޭޝަނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.