16 Apr 2012, 13:41
އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނަ ޓީމަކަށް ޗެލްސީ ހޮވިއްްޖެ އެވެ.
ޗެލްސީ ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ކުރީ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުގައި ޓޮޓެންހަމް އަތުން 5-1 ލަނޑުން މޮޅުވެގެން ނެވެ. އަދި މިއީ ހަ އަހަރުގެ ތެރޭގައި ޗެލްސީ ކުޅޭ ހަތަރު ވަނަ އެފްއޭ ކަޕް ފައިނަލް މެޗް ވެސް މެއެވެ.
ރޭ ޗެލްސީގެ ލަނޑުތައް ޖަހައިދިނީ ޑިޑިއޭ ޑްރޮގްބާ އާއި ހުވާން މާޓާ، އަދި ފްލޮރަންޓް މަލޫޑާ އާއި ފްރޭންކް ލަމްޕާޑް އަދި ރަމިރޭޒެވެ. ޓޮޓެންހަމުގެ ލަނޑު ޖަހައިދިނީ ގެރެތް ބޭލް އެވެ.
މާޓާގެ ލަނޑާގުޅިގެން އިދިކޮޅު ޓޮޓެންހަމްގެ ކުޅުންތެރިން ވަނީ ރުޅިގަދަވެ، މާޓާގެ ލަނޑަކީ ގޯލެއް ނޫންކަމަށް ބުނެ، ރެފްރީއާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފަ އެވެ. އަދި މާޓާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަންކަމަށް ރެފްރީ ނިންމި ނަމަވެސް، އެ ބޯޅަ ގޯލުގެ ރޮނގުމަތީގައި ބޮނޑިވެފައި ތިބި ކުޅުންތެރިންގެ ގައިގައި ޖެހި އަބުރާ ނުކުތްތަން ވަނީ ޓީވީ ރީޕްލޭތަކުން ފެނެ އެވެ. އަދި މެޗަށް ފަހު ޓޮޓެންހަމްގެ މެނޭޖްމަންޓުން ވަނީ އެ ލަނޑާމެދު ސުވާލް އުފެދޭ ކަމަށް ބުނެ، މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ފައެވެ. އަދި ޓީމުގެ ބައެއް ކުޅުންތެރިން ވެސް މެޗަށް ފަހު، ރެފްރީއާ ދިމާލަށް ދިޔަ އެވެ.
އަދި އެވަގުތު ގޯލް ރޮނގުމައްޗަށް ވެއްޓިފައި އޮތް ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ވެސް ބުނީ އެ ބޯޅަ ގޯލު ރޮނގު ހުރަސް ނުކުރާ ކަމަށާއި ނަމަވެސް ފައިނަލުގެ ފުރުސަތު ހައްގުވަނީ ޗެލްސީ އަށް ކަމަށެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ރޮބާޓޯ ޑިމެޓިއޯ ބުނީ، ޓޮޓެންހަމް އަތުން ލިބުނު ކާމިޔާބީއާކު މުބާރާތުގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނައިރު، ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަރަށް ފުރިހަމަ އަށް ވާނެ ކަމަށެވެ.