ދެހާސްއަށާރަ ވަނަ އަހަރު ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވިތާ ދެ ހަފުތާ ފަހުން ސަލާމަތްކުރި 12 ކުދިންގެ ތެރޭގައި ހިމެނޭ އެއް ކުއްޖަކު، އިނގިރޭސިވިލާތުގައި ހުއްޓާ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބްރުކް ހައުސް ކޮލެޖް ފުޓްބޯލް އެކެޑެމީގައި, ސްކޮލާޝިޕެއްގެ ދަށުން ކިޔަވަމުން އައި ޑުއަންޕެޓް 'ދޮމް' ޕްރޮމްތެޕް, 17އ، މަރުވިކަން އެނގުނީ، އޭނާގެ ޑޯމް ރޫމްގައި ހޭނެތިފައި އޮއްވާ ފެނުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުުންނެވެ.

އެ ދަރިވަރަށް ސްޕޮންސާޝިޕް ދިން ޒީކޯ ފައުންޑޭޝަނުން ބުނި ގޮތުގައި ދޮމް މަރުވި ސަބަބެއް އަދި ޔަގީންވެފައި ނުވެއެވެ. އަދި މީގެ ކުރިން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.

ދޮމްއަކީ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ތައިލެންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި 'ވައިލްޑް ބޯއާސް' ކިޔާ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. އުރުމުން 11 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ހިމެނުނު އެ ޓީމާއި ޓީމުގެ ކޯޗު ހޮހޮޅައިގެ ތެރެއަށް ގެއްލުނީ، ހޮހޮޅައިގެ ތެރެއަށް ވަދެ އުޅެނިކޮށް އެތަނުގެ ތެރޭގައި ފެން ބޮޑުވުމުންނެވެ.

އެއާއެކު އެ ޓީމު ހޯދުމަށް އެގައުމުން ފެށި މަސައްކަތުގައި ފަހުން ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ވެސް ބައިވެރިވިއެވެ.

އެ ހޮހޮޅައިގެ ތެރެއިން އެ ކުދިން ފެނުނީ ގެއްލުނުތާ ނުވަ ދުވަސް ފަހުންނެވެ. އެ ކުދިން ފެނުނު ވަގުތު ޑައިވަރު ނަގާފައިވާ ވީޑިއޯއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ.

އެ ޓީމުގެ ހުރިހާ މެމްބަރުން ހޮހޮޅައިން ނެރެވުނީ އޭގެ އަށް ދުވަސް ފަހުންނެވެ. އެގޮތުން ކުދިން ނެރެން ޖެހުނީ ހޭނައްތައިގެން، ޚާއްސަ ސްޓްރެޗާއަކަށް ލައިގެންނެވެ.

އެ މަސައްކަތުގައި ތައިލޭންޑުގެ ކުރީގެ ނޭވީ ސީލްއެއް ކަމަށްވާ ސަމަން ގުނަން ވަނީ މަރުވެފައެވެ.