އަންކަރާ (16 ފެބްރުއަރީ 2023): ތުރުކީއަށް ބާރުގަދަ ބިންހެލުންތަކެއް އައިސް އެގައުމުގެ އެތައް ހާސްބަޔަކު މަރުވުމާ ގުޅިގެން މުޅި ގައުމު ހިތާމައިގެ ހާލަތުގައި ވަނިކޮށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އެގައުމަށް ޒިޔާރަތް ކުރައްވައިފިއެވެ.

އަންވަރު ތުރުކީއަށް ކުރައްވާ ދަތުރުފުޅުގެ ތަފްސީލެއް މެލެޝިއާ ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް މެލޭޝިއާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންއާ ބައްދަލުކުރައްވައި މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންގެ ތައުޒިޔާ ތުރުކީގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ދަންނަވާފައެވެ.

މެލޭޝިއާއާއި ތުރުކީއަކީ އިސްލާމީ ދުނިޔޭގައި ވަރަށް އެއްގޮތް ސިޔާސަތުތަކެއް ގެންގުޅޭ އިސްލާމީ ދެގައުމެވެ. ތުރުކީގެ ރައީސް އެރުދުޣާން އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަކީ އިސްލާމީ އެތައް ގައުމެއްގައި އޮންނަ އިސްލާމީ ސިޔާސީ ފިކުރެއްކަމަށްވާ "މުސްލިމް ބްރަދަހޫޑް" ނުވަތަ އިޚްވާނުލް މުސްލިމޫންގެ ފިކުރަށް ނިސްބަތްވާ ދެލީޑަރުންނެވެ.

އަންވަރު، އެރުދުޣާން އާ ބައްދަލުކުރައްވަނީ

އެރުދުޣާންގެ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަކީ އިޚްވާނުލް މުސްލިމޫންގެ ފިކުރުގެ ޕާޓީއަކަށްވާތީ މެލެޝިއާގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި އަންވަރު ހުންނެވި ދުވަސްވަރުވެސް އަންވަރާއި އެރުދުޣާންގެ ޕާޓީއާ ދެމެދު ގުޅުންތައް އޮވެއެވެ. މީގެއިތުރުން އަންވަރުވަނީ ތުރުކީގެ ހަސްފަތާލުތަކުން ފަރުވާ ހޯދުމަށްޓަކައި މީގެކުރިން އެތައް ފަހަރަކު ތުރުކީއަށް ވަޑައިގެންފައެވެ. މިގޮތަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކުގައި އެރުދުޣާންގެ ޕާޓީގެ އިސްފަރާތްތަކާ އަންވަރު ބައްދަލުކުރައްވައެވެ.

އަންވަރު ތުރުކީއަށް ވަޑައިގެންނެވިއިރު މެލޭޝިއާގެ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ، ސޫރިއާ އާއި ތުރުކީގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ މާލީއެހީ ޖަމާކުރުމުގެ ހަރަކާތްތަކެއް މެލޭޝިއާގެ އެކި ކަންކޮޅުތަކުގައި ހިންގަން ފަށާފައެވެ.

މީގެ އިތުރުން އަންވަރު ވަނީ ތުރުކީއާއި ސޫރިއާގެ ރައްޔިތުންނަށް މެލޭޝިއާ ސަރުކާރުންވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން ގެންދާކަން ހާމަކުރައްވާފައެވެ.