17 Feb 2023, 09:42
މާވެލް ސިނެމޭޓިކް ޔުނިވާސްގެ ސުޕަހީރޯތަކުގެ މިއަހަރުގެ ފުރަތަމަ ފިލްމު "އޭންޓް މޭން"ގެ އާ ފިލްމު "ކުއަންޓަމޭނިއާ"ގެ ޕޮޒިޓިވް ރިވިއުތައް ބަދަލުވާން ފަށައިފިއެވެ.
ކާމިޔާބު ދެ ބަޔަށް ފަހު މިފަހަރު ނެރޭ އޭންޓް މޭން ފިލްމު، އޭންޓް މޭން އެންޑް ވޯސްޕް: ކުއަންޓަމޭނިއާ އަކީ ވެސް ވަރުގަދަ ފިލްމަކަށް ވުން އެކަށީގެންވާ ފިލްމެއް ކަމަށް ޓްރެއިލާއިން ވަނީ މީގެކުރިން ހާމަވެފައެވެ. އަދި އެންމެފަހުން ފިލްމު ވަނީ ޕްރައިވެޓު ސްކްރީނިންގައި ކްރިޓީކުންނަށް ދައްކާފައެވެ. ކްރިޓީކުންގެ ތެރެއިން އެންމެ ފުރަތަމަ އިވެމުން ދިޔައީ ފިލްމުގެ މޮޅު ވާހަކައެވެ.
ނަމަވެސް ފިލްމު މިއަދު ސިނަމާތަކުގައި އާންމުންނަށް އަޅުވާއިރު ކްރިޓީކުންގެ ރިވިއުތައް ވަނީ ބަދަލުވާން ފަށާފައެވެ.
ކްރިޓީކުންނަށް ފިލްމު ކަމުދާ މިންވަރު މަދުވާން ފަށައިފިއެވެ. އެކަން މިހާރު ރޮޓެން ޓޮމާޓޯސްގެ ރިވިއުތަކުން އެނގެއެވެ. ރޮޓެން ޓޮމާޓޯސްގައި ފިލްމަށް ލިބިފައިވަނީ 58 ޕަސެންޓެވެ. މިއީ މާވެލްގެ މި ފަހުގެ ފިލްމުތަކުން އެންމެ ދަށުން ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
އޭންޓް މޭންގެ އާ ފިލްމާއެކު މާވެލްގެ އާ ފޭސް ނުވަތަ ފޭސް ފަހެއް ފެށިގެންދާނެއެވެ. އެއާއެކު އާ ވިލަނެއް ތައާރަފުވެ ބޮޑު ތަޅާލުންގަނޑަކަށް ދަތުރުކުރާނެއެވެ. ކުއަންޓަމޭނިއާއިން މި ފެށުން ދައްކައިދޭ ކަމަށް ކްރިޓީކުން ބުނެއެވެ.
މިފަހަރު އޭންޓް މޭންގެ ކެރެކްޓަރު ސްކޮޓް ލޭންގް ވާދަކުރަން ޖެހޭ ވިލަން އަކީ ކޭންގް އާއި މޯޑޯއެވެ. ކޭންގް އަކީ 2021 ވަނަ އަހަރު ނެރުނު "ލޯކީ" ސީރީޒްގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ވިލަންއެވެ. މިއީ އެވެންޖާސް އަށް ދާން ވާއިރު އެންމެ ބޮޑު ވިލަންގެ ގޮތުގައި ހިމެނޭ އެއް ވިލަންއެވެ. މި ފިލްމުގައި މުހިއްމު ރޯލުތަކުން ޕޯލް ރަޑް އާއި އެވާންޖެލީން ލިލީގެ އިތުރުން ޖޮނަތަން މޭޖާސް އަދި ކެތުރީން ނިއުޓަން ފެނިގެންދާނެއެވެ.