ޔުނިވާސަލް ޕިކްޗާސް އިން ތައްޔާރު ކުރި މަޝްހޫރު އެނިމޭޓެޑް ފިލްމު ފްރެންޗައިޒް، "ހައު ޓު ޓްރެއިން ޔޯ ޑްރެގަން"ގެ ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޑީން ޑިބްލޮއިސް ތައްޔާރުކުރި ފިލްމު ފްރެންޗައިޒްގެ ތިން ފިލްމު ވަނީ ނެރެފައެވެ. މި އެނިމޭޓެޑް ފިލްމުތަކަށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު އާންމުންގެ ތެރޭގައި ވެސް މި ފިލްމުތަކަށް އޮތް ލޯބި ބޮޑެވެ.

އަލަށް ތައްޔާރު ކުރާ ލައިވް އެކްޝަން ފިލްމުގެ ސްކްރީންޕްލޭއަށް ޑީން ވަނީ ހަމަޖައްސާފައެވެ. އޭނާގެ އިތުރުން އާ ޓީމަކާއެކު ތައްޔާރުކުރާ ފިލްމުގެ ޕްލޮޓް ބިނާވެފައި އޮންނާނީ ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޔުނިވާސަލް އިން ބުނާގޮތުގައި ފިލްމުގެ ބައެއް މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އަދި 14 މާޗު 2025 ގައި ފިލްމު ސިނަމާތަކަށް ނެރުމަށް މަސައްކަތް ކުރާ ކަމަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މިހާރު ޔުނިވާސަލް އިން މަސައްކަތް ކުރަނީ ލައިވް އެކްޝަން ފިލްމުގެ ކާސްޓިންގެ މަސައްކަތް ކުރުމަށެވެ.

ހައު ޓު ޓްރެއިން ޔޯ ޑްރެގަންގެ ފުރަތަމަ ފިލްމު ނެރުނީ 2010 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ އޮސްކާގައި އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑާއި އެންމެ މޮޅު ސްކޯގެ އެވޯޑަށް ނޯމިނޭޝަން ލިބިފައެވެ. ބާކީ ދެ ފިލްމު ވަނީ އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑު އޮސްކާގައި ހޯދާފައެވެ.

އެނިމޭޝަން ސެޓުކޮށްފައިވަނީ ވައިކިން ދުވަސްވަރުގެ ޒުވާނެއްގެ މައްޗަށެެވެ. އޭނާ އާ ޑްރެގަން އަކާއެކު ގާތް އެކުވެރިކަމެއް އުފެދިގެން އަންނަ ގޮތުގެ ވާހަކަ ފިލްމުން ދައްކައިދޭނެއެވެ.