17 Feb 2023, 11:45
"ތައުބާވާށެވެ. މަރުވެގެން ﷲގެ ހަޟުރަތަށް ކުއްތަންވާން ޖެހޭނީ ކޮން އިރަކުކަން އެނގޭނެ އެއްވެސް މަޚުލޫގެއް ނެތެވެ."
***
ތަރިތަކުން އުޑުމަތި ފަޅުފިލުވާފައިވާއިރު ކާއިނާތު އޭނަގެ މަގާމުގައި އޮށޯވެލައިގެން އުދަރެހަށް ބަލަން އޮތްއިރު ލޮލުން މޮޅިވެރިކަން ފެނެއެވެ. ކުއްލިއަކަށް މީހަކު ބެލް ޖެހިހެން ހީވެގެން ތިރިއަށް ފޭބީ ގަޑިއަށް ބަލާފައެވެ. ރޭގަނޑު ދިހައެއް ޖަހާއިރު ލައިކާމެންވެސް އަންގާނުލާ ނާންނާނެކަން އޭނައަށް އެނގުނެވެ.
"ކާއީ. މަށޭ މިއީ.." ކަންފަތުގައި ޖެހުނު އަޑު ކާއިނާތުއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނަގެ ހިތް ރޭހެއް ޖަހައިގަތްފަދައެވެ. ހީބިހި ކަންފަތުން ތިރިއަށް ދެމިގަތްގޮތަށް މުޅި ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. ނަމަވެސް އޭނަ ދޮރު ހުޅުވާލުމާއެކު ހިތް ގެނބުނުފަދަ އިހުސާސެއް ކުރެވުނެވެ. އަޑު ސައިރަސްއާއި ވައްތަރުވިޔަސް ކުރިމަތީގައި ހުރީ އޭނަ ދެނެފަރިތަ ސައިރަސްއެއްނޫނެވެ. ސިފަގަނޑު ސައިރަސްއާއި ވައްތަރުވިޔަސް ތުނބުޅިއަށްވުރެ މަތިމަސް ދިގުކޮށްލާފައި އިސްތަށިގަނޑުވެސް ކޮނޑާއި ހަމަޔަށް ދިގުކޮށް އޮތް ޒުވާނެކެވެ.
"ކާކު؟"
"ކާދިން...."ވަރަށް ހަމަޖެހިލާފައި ޒުވާނާ ބުނެލައިފިއެވެ.
"ކާއީ އޭ ކިޔާފައި ގޮވާލީމަ ދަންނަ މީހެއްކަމަށް ހީކުރީ. ކީއްކުރަން މިގެއަށް އައީ؟"ކާއިނާތުގެ އަޑަށް ކުއްލި ހަރުކަށިކަމަކާއި ފިނިކަމެއް ވެރިވިއެވެ.
"އަހަރެން އަބަދުވެސް ކާއީގެ ފަހަތުގައި ހުންނަން. ސައިރަސްއާއިހެދި އުޅުނުވަރުން އަހަންނަށް ކާމިޔާބުނުވިޔަސް އޭނަ ސްޕޭސްއަށް ގެއްލުނުކަން އެނގުނީމަ ހުރިތަން ހޯދައިގެން މިއައީ. ކައިވެންޏަށް އަހަން..........." ކާދިންގެ ވާހަކަތަކުން ކާއިނާތު އަނގަ ހުޅުވިފައި އިރުކޮޅެއްވާންދެން ބަލަން ހުއްޓެވެ. މި މީހާގެ ހިތްވަރާއިމެދު ހައިރާންވެސް ވިއެވެ. އަމިއްލަ ނަފުސަށް އިތުބާރުއޮތްވަރު ވެސް އެނގުނެވެ. ކާއިނާތު ބޭނުންވީ މި ފިރިހެނާގެ މޫނުމަތީ ބާރު އެތިފަހަރެއް ޖެހީނުން ސްޕައިރަލް ޖެލީފިޝް ގެލެކްސީއަށް ފޮނުވައިލުމަށެވެ.
"އަހަރެން ނޫޅެން ކައިވެނިކުރަން. ސާފުވެއްޖެކަމަށް ހީކުރަން.."
"އަހަރެން މިއީ ސައިރަސްގެ ސޯލްމޭޓް. މިހެން ބުނީމަ ނުބައިކޮށް ހީނުކުރައްޗޭ. ދެމީހުންގެ ސިފައާއި އެއްވަރަށް ގިނަކަންތައްތައް އެއްގޮތްވީމަ ބާތްޓްވިންސްހެން ހީވާވަރުވި. ސައިރަސް ޖައްވަށް ފުރިއިރު މަ ލައްވާ ވައުދުކުރުވި. އޭނައަށް ކަމެއްވެއްޖެއްޔާ ކާއީއަށް ހިމާޔަތް ދޭށޭ އެހެންވެ. ސައިރަސްގެ ވައުދު ފުރިހަމަކޮށްދޭންވެގެން މިއައީ. އަހަންނަށް އެނގޭ ފައިނޭންޝަލީ ކާއީ ވަރަށް ޑައުންކަމާއި ހިލޭމީހެއްގެ އަތުން އެއްޗެއް އަތުލާވަރަށްވުރެ އަދި ސަލާމް ޖަހާވަރަށްވުރެ ކާއީ ފަޚުރުވެރިކަން. ޔޫ ހޭވް ޓޫ މަޗް ޕްރައިޑް؟.މީހުން ގާތު ކަންތަކު ނުކިޔާ އަމިއްލައަށް ދިރިއުޅުމަށްޓަކާ މަސައްކަތްކޮށް ލިބޭ އެއްޗަކުން ފުއްދައިލަން އުޅެން އެނގުމަކީ ރީތި ސިފައެއް. އީވެން އައިމް ޕްރައުޑް އޮފް ޔޫ ކާއީ.."ކާދިން ހަށަން ބަދެލައިގެން ހުއްޓިގެން ހުރިއިރު ދިގުވެފައިވާ ތުނބުޅިއާއި އިސްތަށިގަނޑު ތަރުތީބެއްނެތި ވިހުރިފައެވެ. ސައިރަސްފަދަ ރީތިވެގެން ހުންނަ މާތްފާޑުޖަހާ މީހަކާއި ދިމާއިދިކޮޅު ޝަޚުސިއްޔަތެކެވެ. އެކަމަކު ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަންވެސް މިޒުވާނާގެ ސިފަތަކުން ފެނެއެވެ.
"ސޯ....ކީކޭ ބުނަނީ؟ އިންނާނަންތަ؟"
"އަހަރެން ސާފުކޮށް ބުނެފިން. މީހަކާއި އިންނާކަށް ނޫޅެން. މިތަނުން ދޭ...."
"ސައިރަސްގެ އެންމެ ފަހުގެ ވަސިއްޔަތަށް ހުރުމަތްތެރިކޮށް ހިތާނެކަމަށް ހީކުރީ..އެހާވަރަށް ސައިރަސްދެކެ ލޯބިވީމެއްނު.."
"ޢާނ. ސައިރަސްއަށްޓަކާ މިލިއަން އަހަރަށް އިންތިޒާރުކުރަން މިހިރީ...ތި މީހާއަކާއި އިންނާކަށް ނޫޅެން. ކޮންމެ މީހަކުވެސް އައިސް ސައިރަސް ބުންޏޭ ކިޔާފައި ދޮގު ދައުވާއެއްކޮށްފާނެ..ފުލުހުންނަށް ނުގުޅަނީސް މިތަނުން ދޭ...."ކާއިނާތު ކާދިންގެ މޫނުމަތީގައި ދޮރު ލައްޕާލަން އުޅުނުވަގުތު ކާދިން މޫނުމަތީގައި އޮތް މާސްކު ދަމައިގަތުމާއެކު ސައިރަސްގެ ރީތި މޫނު ފެނުމާއެކު ކާއިނާތުއަށް ދެއަތް އެޅުނީ ކޯތާފަތުގައެވެ. އުފަލުންގޮސް ހަޅޭއްލަވައިގަތްގޮތަށް ރޮވިއްޖެއެވެ. ހުރިތަނަށް ތިރިވެވި ރޮވެންފެށުނެވެ.
"ސޮރީ ކާއީ ސިއްސައިލެވުނީމަ. ސަޕްރައިޒެއް ދޭންވެގެން މިއައީ...."
"ގޯޑް....އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ. ތިއީ ސައިރަސްގެ ސިފަ ޖެހިގެން އެހެން ޕްލެނެޓަކުން އައި އެންޖެލްއެއްތަ؟" ކާއިނާތު "އެންޖެލް"ގެ ނަމުން މުޚާތަބު ކުރީ އެއްވެސް ވިސްނުމަކާއިނުލައެވެ. އިންސާނުންނާއި މަލާއިކަތުންގެ ހުރި ފަރަގާއިމެދު ނުވިސްނައެވެ. އެހާވެސް ކާއިނާތު ދިޔައީ ދީނާއި ދުރުވަމުން މަގު އޮޅެމުންނެވެ.
"ހަގީގަތަކީ އެދުވަހު އެ އުޅަދަށް އަރާފައިވެސް އަހަރެން ސިއްރުން އެތަނުން ދިޔައީ. ބައެއްމީހުންނަށް އެނގޭނެ އަހަރެން ސަލާމަތްވެގެން ދިޔަކަމާއި އެދުވަހު ޖައްވީ ސްޓޭޝަނަށް ނުދާކަން. އެކަމަކު ނިމުނުއިރު ސްޕޭސްގައި ގެއްލުނީކަމަށް ނިންމާ އަހަރެންވެސް ގެއްލުވަލައިފި. އެއީ ދެން އެހެން ކަހަލަ މައްސަލަގަނޑެއް. އެހެންވެ ސިފަވެސް ބަދަލުކޮށް ޝަޚުސާއި ނަންވެސް ބަދަލުކުރީ. ކާދިންގެ ނަމުގައި މި މާސްކު އަޅައިގެން ދިރިމިއުޅެނީ. ކާއީއަށް އަހަރެންގެ ބައްޕަގެ އޮބްޒާވެޓަރީގައި މަސައްކަތްކޮށް އަދި ޖައްވަށްވެސް ގެންދާނަން. އެހެންވެ އެމެރިކާއަށް ގެންދަން މިއައީ............."
"ސީރިޔަސްތަ؟އެކަމަކު މަންމަ ހާދަ ބައްޔޭ. މަންމައަށް އަހަރެންގެ އެހީތެރިކަން ބޭނުންވާނެ. މިވަގުތު ދެވޭކަށްވެސް ނެތް. ސައިރަސް ގެއްލެންވެސް ބޭނުމެއްނޫން..."
"ޢަހަންނާއި މެރީކޮށްގެން އެމެރިކާއަށް ބަދަލުވާނީދޯ. މަންމަވެސް ގެންދާނީ. އަހަރެން މަންމައަށް މެއިޑުން ބަހައްޓާދޭނަން. އެކަމާއި ހާސްނުވޭ..."
"އެހުރިހާކަމެއް ކުރާނަން. އެކަމަކު ރާއްޖޭގައި ކައިވެނިކޮށްގެން ދާނީ...ސައިރަސް މުސްލިމަކަށްވާނަންތަ؟"
"އަހަރެން މުސްލިމަކަށް ވެއްޖައިން..."ސައިރަސް ހިނިތުންވެލިއެވެ.
"ތޭންކްގޯޑް.."
"ކާއީއަށްޓަކާ. އަހަންނާއި ދެން މަންމަ ބައްދަލުކުރުވަބަލަ..." ސައިރަސް ކާއިނާތުގެ އަތުގައި ހިފައިލަމުން އެތެރެއަށް ވަންނާން ހިނގައިގަތެވެ. ކާއިނާތު ސައިރަސްގެ އަތުގައި ހިފާ ހުއްޓުވީ އޭނަގެ މަންމަގެ މިޒާޖާއި ތަބީއަތު ބަދަލުވެފައިވާވަރުން ބިރުންނެވެ. މިފަހަކަށްއައިސް ދޮންމީހުންދެކެ ހާޖަރު އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ދޮންމީހުންނަކީ މުސްލިމުންގެ އަދާވާތްތެރިންކަމުގައި ދެކެނީއެވެ. އެކަމަކު އެވާހަކަ އަދި ސައިރަސްއަށް އަންގައިގެން ސައިރަސްގެ ޚިޔާލުވެސް ބަދަލުވެދާނެއެވެ.
ކާއިނާތުއަށް ސައިރަސްގެ މޫނަށް ބަލައިލެވުނީ ޝުކުރުން ފުރިފައިވާ ނަޒަރަކުންނެވެ. އޭނަގެ ހުރިހާ ހުވަފެންތައް ފުރިހަމަވެ ދިރިއުޅުމުގެ މަގުސަދެއް ލިބިއްޖެއެވެ. މާޔޫސްކަމާއި މޮޅިވެރިކަމުގެ ތެރެއަށް ގެނެބމުން ދަނިކޮށް އުފާވެރިކަމުގެ އުނގުން ހިމާޔަތް ލިބިއްޖެއެވެ.
***
"ކީކޭ؟ ކައިވެނިިކުރެވޭނީ އަލުން ފޯމެއް އިމިގްރޭޝަނަށް ހުށަހަޅާ އަލުން ރާއްޖެއަށް އެތެރެވީމައޭ؟ކޮންފަދަ ހެއްވާ ގަވާއިދެއްތަ؟" ސައިރަސް އާއި ކާއިނާތު ހެނދުނު ސައިބޯން ތިބީ ރެސްޓޯރެންޓެއްގެ މަތީބައިގައެވެ. ދެމީހުންގެ ކުރިމަތީގައި ކޮފީއާއި އެކިވައްތަރުގެ ކާއެއްޗެހި އަތުރާލާފައި ހުއްޓެވެ.
"އާ. ކޮންމެވެސް އެހެން ގައުމަކަށް ގޮސްފައެ.."
"ވިސާ ހަދައިގެން އެހެން ތަނަކަށް ދެވޭނީ. އެހެންނޫނަސް ބޭކާރުކަމެއް. އަހަރެމެން ރާއްޖޭގައި ދިރިއުޅުމަށް ޕްލޭނެއްވެސް ނުކުރަން. އަހަރެން ކާއީ ގޮވައިގެން އެމެރިކާއަށް ގޮސް އެތާގައި ދިރިއުޅޭނީ. ކޮންހާ ރޫލްސްތަކެއް؟ އަހަރެން އެކަނިމާ އެކަނި ގަނޑުވަރެއްވަރުގެ ތަނެއްގައި ދިރިއުޅެނީ. ގޭގެ ކުޑަދޮރުތަކުން ބޭރަށް ބަލައިރު ފަރުބަދަ ފެންނަން ހުރޭ. ހީވާނީ ގޭ ބިއްދޮށުގައި ހުނަނަތަނެއްހެން. ކާއީ ހިތްހަމަޖެހޭނެކަމާއިމެދު ޝައްކެއްނެތް..ހިނގާ ފުރަން. ޕްރައިވެޓް ޖެޓްގައި..."ސައިރަސް އޭނަގެ ނިންމުން އިއްވިއެވެ.
"ޝުއާ..."
"އޮފީހުންވެސް ރިޒައިން ކުރޭ."
"އެކޮޅަށް ގޮއްސަ އޮންލައިންކޮށް ވޯކް ނުކުރެވޭނެތަ؟"
"އެހާވަރުން ވަކި ނޫހަކަށް އެޓޭޗް ވުމުގެ މާނައެއް ނުފެނޭ ކާއީ. ސަބަބަކީ ދުނިޔޭގެ ކޮންމެ އެއްޗަކަށް ނިމުން އަންނާނެތީ. އެހާވަރުން ވަކި ތަނަކަށް މުޅި އުމުރު ދުއްވާލިޔަސް އެކަން ބަލައިގަންނާނެ ބަޔަކު ނޫޅޭނެ. އަމިއްލަ ނަފުސަށް އެކަނި ވިސްނާ. އެހެން މީހުންނާއި ތަންތަނާއިމެދު ވިސްނާނެކަމެއްނެތް..." ސައިރަސް ކާއިނާތުގެ ބޮލުގައި ފިރުމައިލުމުން ކާއިނާތުއަށް ވަގުތުން އޭނަގެ އުފަލަކީ ހަމައެކަނި ސައިރަސްކަމާއި އަބަދާ އަބަދު އިންތިޒާރުކުރީ ސައިރަސްއާއިއެކު ވުމަށް ކަމުގައި ހަނދާންވިއެވެ. ސައިރަސްއާއިއެކު އެހެން ގެލެކްސީއަކަށްވެސް ދާން ތައްޔާރަށް ހުރި ކާއިނާތު އެސިކުންތުކޮޅު އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ނިންމުން ނިންމައިފިއެވެ. އޭނަ ދާނީ ސައިރަސްއާއިއެކު އެމެރިކާއަށެވެ. ސައިރަސްއާއެކުގައި ވުމަށް އޭނަ ހުރިހާ އެއްޗެއް ގުރުބާންކޮށްފާނެއެވެ.
***
އާޔާއާއި ލައިކާ އަދި ކާއިނާތު ބީޗްގައި ކުއިލްޓެއް އަޅައިގެން ސައިބޯން ތިބިއިރު ކާއިނާތުގެ މޫނުމަތިން މިއިން ދުވަހަކު ނުވާވަރަށް އުޖާލާވެ އުފާވެރިކަން ލޮލަށް ޖަމާވެފައިވިއެވެ. ކާއިނާތު ދިން ޚަބަރުން އާޔާ އުފަލެއްނުވިއެވެ.
"ކައިވެނިނުކޮށް އެކީ ދިޔުމަކީ ދީނުގައި އޮތްކަމެއްނޫން.."
"އެކޮޅަށް ގޮސްފައި މެރީކުރާނީ. މިކޮޅުގައި ފޯމަލްކަމުންގޮސް ކަމެއްކުރެވޭކަށް ނެތް. ވަރަށް ހިފަހައްޓާފައި އޮންނަނީ. ބޭރު މީހުންނާއި ކައިވެނިކުރުމަކީވެސް ފާފައެއްހެން ހީވާފަދަ.............."ކާއިނާތު ލޮލުތެރޭ ކަޅި ހިންގައިލިއެވެ.
"އެހެންވަނީ ރާއްޖޭގައި އުޅެން ފަސޭހައަށާއި އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ބޭރު މީހުން ދިވެހިންނާއި ކައިވެނިކުރާލެއް ގިނަވީމަ."އާޔާ ދިފާއުގައި ބުނެލިއެވެ.
"އައި ޓްރަސްޓް ހިމް އާޔާ. ހީޒް މައި ލަވް. ސައިރަސް ގެއްލުމުން އަހަރެން ވަރަށް ހިތާމަކުރިން. ދުނިޔެއަށް އައި މަގުސަދަކީ އޭނަހެން ހީވި. އަނބުރާއައުމުން އެލިބުނު އުފާތައް ބަޔާންކޮށްދޭން ނުކުޅެދޭ. މިފަހަރު ކޮންމެފަދަ ހާލެއްގައިވެސް ސައިރަސްއާއެކު ވާނަން.. ދެރަގޮތެއްނުވާނެ. ސައިރަސްއިޒް ހެޕިނެސް. މައި ސޯލް މައި ހާޓް މައި ލަވް މައި އެވްރީތިން...."ކާއިނާތު ހުވަފެނީގޮތަކަށް ލޯ މަރައިލިއެވެ.
"އައިމް ޖެލަސް....އަހަންނަށްވެސް އެމެރިކާއިން ތިހާ ލޯޔަލް ރޮމެންޓިކް ބޯއިއެއް ހޯދަދޭންވީނު...."ލައިކާ ހުރި ޖީލަން ހެދިގޮތުން ދެރަވެފައެވެ. ޖީލަން އޭނަގެ ހިތުގައި ޖެހި އެތިފަހަރު ދުވަހަކު ހަނދާން ނައްތައެއްނުލެވޭނެއެވެ. އެހެން މީހަކުވެސް ވަކި ރަގަޅުވާނެހެއްޔެވެ؟ އެހެންމީހުންވެސް އޭނަ ފަލަވީމަ މަލާމާތްކުރާނީއެވެ. ގަނާކުރާނީއެވެ. ކުޑައިރުއްސުރެ އެކަންތައްތަކާއިހެދި އޭނަ ނުކައި ނުބޮއި އެއްޒަމާނެއްގައި އުޅުނެވެ. އެވަރުންވެސް ހަށިގަނޑު ހިއްކައިލެވޭނެގޮތެއް ނުވިއެވެ. ފަހުން ވިސްނުނީ ބޭކާރު ކަމެއްކަމެވެ. ކެއުމަށްވުރެ އޭނަ އުފާކޮށްދޭ އެހެން ކަމެއް އެނގިފައެއްނެެތެވެ. ކެއުން ދޫކޮށްނުލަން އޭނަ ވައުދުވިއެވެ. އޭނަގެ ފަލަކަމާއިއެކުގައިވެސް އެކީގައި ދިރިއުޅެން ބޭނުންވާ މީހަކު އަންނަންވީއެވެ.
"އެމެރިކާއަށް ގޮސްފައި ތިކަމާއި އުޅޭނަން....."
"އައިމް ވޮރީޑް. ކީއްވެކަމެއް ނޭގޭ. ސަބަބަކީ ސައިރަސް މުސްލިމެއްކަން ޔަގީންވަނީ ކިހިނެއްތަ؟ އޭނަ ކާއީއާއި މެރީކުރަން އެހެން ބުނެފިއްޔާ؟ ވަރަށް ގިނަ މީހުން މުސްލިމް އަންހެންކުދިންނާއި ކައިވެނިކުރަން ދީން ބަދަލުކުރޭ. އެކަމަކު ހަމަ ރާބޮއެ އަދި ކީއްކުރަން އެމީހުންގެ ދީނީ ހަރަކާތްތަކާއި އަޅުކަންތައްތައް ކުރޭ. ކާއީއަށް ހެޔޮތަ؟ ﷲއަށްޓަކާ ލޯބިވުމާއި ރުޅިވާން އޮތީ. މިގޮތަކަށް ނޫން...."އާޔާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
"އަހަރެން އާޔާހާ އަޅުވެރިއެއްނޫން. އީމާންކަން ވަރުގަދައެއްނޫން. ފާފަވެސް ކުރެވޭނެ...އާޔާ ދުއާކޮށްދީ. އަހަންނަށް ދުނިޔެއިން ލިބެން އޮތް އުފަލަކީ ސައިރަސް. އެއީ އަހަންނަށް ކުޑައިރުއްސުރެ ލޯބިވެވުނު ފަލަކުން ހޯދުނު ލޯބިވެރިއެއް. އޭނައާއި ވަކިވެއްޖެއްޔާ ދުނިޔެއަކު ނޫޅެވޭނެ..އަދި މިހާރު މާބޮޑަށް ލޯބިވެވިއްޖެ.."ކާއިނާތު ހުރީ އެހެން މީހަކު ދޭ ނަސޭހަތެއްގައި ހިފާގޮތަކަށް ނޫނެވެ."ދިރިއުޅުމަކީ ނިކަން ކުރު އެއްޗެއް. އަހަރެމެންނަށް ލިބޭ އުފާތައް ދޫކޮށްލާކަށްނުވާނެ. އެއްވެސް މީހަކަށް މާދަމާގެ ދިިރިއުޅުމަކީ ގެރެންޓީއެއް އޮތް އެއްޗެއްނޫން. އެއްވެސް މީހެއްގެ އުމުރު ދިގުވާނެކަމުގެ ޔަގީންކަމެއް ލިބިފައެއްނެތް. ވީމަ އުފަލުން އުޅެންޏާ އެވީ.ރާއްޖޭގައި އުޅޭ މުސްލިމުންގެ ހާލަތުވެސް އަހަންނަށް ފެނޭ. އެމީހުން ނަމުގައި މުސްލިމަކަށް ވީމަ ކޮބާ އޭގެ ފައިދާއަކީ؟މުސްލިމެކޭ ކިޔާފައި ވަކި ރަގަޅުވަނީތަ؟ އެންމެ މުހިއްމީ ލޯތްބާއި ޓްރަސްޓެއްނޫންތަ އާޔާ......."
"އެކަމަކު ކާއީ ތިވިސްނަނީ އެންމެ ރަގަޅަކަށް ނޫން. މާދަން ދިރިއުޅުން ނިމުމަކަށް އަޔަސް އެންމެ މުހިއްމުވާނީ ހުވަފެންތައް ފަހާ ނުދުވުން. މަރުވުމުން ފައިދާ ހުރި ކަންތައް ކުރިއްޔާ މާ ރަގަޅުވާނެ ކާއީ......" އާޔާ ވިސްނައިދޭން މަސައްކަތްކުރިޔަސް ކާއިނާތުގެ ސިކުނޑިއާއި ހިތުގައި ވަކި ހިއްޕާލާފައިވީ ސައިރަސްގެ ލޯތްބެވެ.އިޝްގީ ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އޭގެ އޮއިވަރުގައި ޖެހުމުން ހެޔޮނުބައި ވަކިނުވާވަރަށް އިޝްގު ބޮލަށް ސަވާރުވެއެވެ.އަތުން ފައި ހެދޭ ގޯސް ރޭކާލާނީ ފަހުންނެވެ. ފަހުން ހިތާމަކުރަން ޖެހޭނެ ދުވަހެއް އައިސްދާނެކަމަކަށް ނުދެކޭނެއެވެ. އިންސާނާއަށް ދަސްވަނީ ކުށްކުރެވިގެންނެވެ. ނަމަވެސް އެހެންމީހުންގެ ލަފާއާއި ޚިޔާލު އަހާމީހުންނަށް ނުބައި ލަނޑުލިބުން ދުރުވާނެއެވެ.
"އަހަރެން ސްޕޭސްއަށްވެސް ދާނަން ވަރަށް އަވަހަށް...."
"ބިރެއްނުގަނޭތަ؟ އެ ރޮކެޓް ފެނުނަސް އަހަރެން ބިރުގަނޭ.."
"އާނ. ޗެލެންޖާ އަދި ކޮލަމްބިއާވެސް ގޮވި ދޯ. އެސްޓްރޮނޯޓުންވެސް އެ ހާދިސާތަކުގައި މަރުވެގެންދިޔަ. އެކަމަކު އަހަރެމެން ދިރިއުޅެނީ އެންމެ ފަހަރަކު. ބިރު މިކިޔާ އިހުސާސް އަހަރެމެން ކޮންޓްރޯލް ކުރަން ހަދައިގެން ހާދަ ގިނަކަންތައް ނުކުރެވި ގެއްލިގެންދާނެ. އަހަރެން އަބަދުވެސް އެސްޓްރޮނޮޓަކަށްވާހިތްވޭ. ޖައްވީ އުޅަދެއް ގޮވާފާނެކަމުގެ ބިރުން ދަތުރުނުކުރެވި އެ ހުވަފެން ފުރިހަމަވާނީކިހިނެއް؟ މަރުވާނީ އެއްފަހަރު ލައި. ބިރުނުގަނޭ......"ކާއިނާތު ލައިކާގެ ކޮލުގައި ހިފައިލިއެވެ."ލިވް ޔޯ ޑްރީމް"
***
ކާއިނާތު އަސަލްގެ ކުރިމަތީގައި އޭނަގެ އިސްތިއުފާ ސިޓީ ބޭއްވީ ކޮފީ ބޯން ޖީލަންމެންނައެކު ކާބައިގާ އިންދައެވެ."އިސްތިއުފާ ސިޓީ.............."
"އޯ...އަންގާވެސް ނުލާ. އަޅެ ކީއްވެތަ ކާއީ؟ހާދަ ދެރައޭ. މި ނޫސް ކިޔާނެ މީހެއްވެސް ދެން ނުވާނެ. މިނޫހަށް އެންމެ ގިނަމީހުން ވަންނަނީ ކާއީގެ ދޮގު ޚަބަރުތައް ކިޔާހިތުން ވީމަ..............."ބިލާލްފެށިއެވެ.
"އަހަންނަށް ސީއެންއެން އިންނާއި ސްޕޭސް.ކޮމް އިން ޖޮބްލިބުނީ..އެކަމުގެ އުފަލުގައި މިއަދު ބިރިޔާނިއާއި ފޮނި އެއްޗެއް ބަހާނަން. އެއްވެސް ކުއްޖަކު ލަންޗަށް އެއްޗެއް ގެނުވާނެކަމެއްނެތް. އިނގޭ....."ކާއިނާތު ހީލިއެވެ.
"ކާއިނާތުގެ މަންމަ ބަލިވެ އުޅޭތީ ގޭގައި ހުރެގެން މަސައްކަތްކުރަމުން ދެން މިހާރު ކިހިނެއް މަންމަ ބަލާނީ؟"
"މަންމަ ގޮވައިގެން ދަނީ. އަހަރެން ސައިރަސްއާއި ކައިވެނިކޮށްފިން.."ކައިނާތުގެ ޖުމްލައިން އެންމެ ބޮޑު ޝޮކެއް ލިބުނީ ޖީލަންއަށެވެ. އެހުރިހާ އިރުވަންދެން ފޯނާއި ކުޅެންއިން ޖީލަންގެވެސް ސަމާލުކަން ކާއިނަތު އަތުލިއެވެ.
"ސައިރަސް މަރުވެފައިކަން އަހަރެމެންނަށް އެނގުނީ..."
"މިރެކްލްސް ހެޕެން އޭ. އޭނައަކީ އާދައިގެ މީހެއްނޫން. ސްޕޭސް ސްޕައިއެއް...."
"ވޯ......"ބިލާލް ތުނބުން ފުމެލިއެވެ."ކާއިނާތުއަށް ހާދަ ވަރުގަދަ ހަޒްބެންޑެކޭ ތިލިބުނީ..ކޮންއިރަކު ޕާޓީ އޮތީ؟"
"އެމެރިކާގައި...ގޯޝް........ވަރަށް ބޯކޮށް ސްނޯ ފައިބާނެކަމަށް ވެދާ ޕްރެޑިކްޓްކުރަނީ......"
"މިޓިއޮރޮލޮޖިސްޓުންނަކީ ކާއިނާތުކަހަލަ ދުނިޔޭގައި ތިބި އެންމެ ތެދުހަދާ މީހުން. ދުވަހަކު ދޮގެއް ބުނަން ނޭގޭނެ...."
ކާއިނާތު ލޯ އަޅައިލިއެވެ.
"ހޭ ކާއީ އައިމް ސޯ ޕްރައުޑް އޮފް ޔޫ.."މިސްބާހު އަތްތިލަޖަހައިލިއެވެ."ކާއީ އެކަމަކު މަށަށްވެސް ސީއެންއެންއިން ވަޒީފާ ހޯދަދެއްޗޭ. ހާދަ ސަޅި ޖޮބެކޭ..."
"އެސްފީނާ ނުޖަހައްޗޭ...."ކާއިނާތު ހިނިގަނޑެއް ޖަހައިލިއެވެ."ބައެއްކުދިން ވަރަށް ޖޭވެސް ވާނެ. އެކަމަކު އަހަރެން ހާދަ މިދުވަސްދެކެން ބޭނުންވިއޭ. އެހެން ކުދިންނަށްވެސް ހެޔޮ ދުއާކޮށްދޭނަން، މި ހާދިސާއިން އެނގުނީ މުސްތަހީލްހެން ހީވާކަމެއްވެސް ވެދާނެއޭ،ސައިރަސް މަރުވީ އަހަރެން ބަލަން ހުއްޓާ. އެކަމަކު އެނބުރި އައީ...ތޭންކް ﷲ...ހީޒް މާސިފުލް. ދެރަކަމަކަށްފަހު އުފާވެރިކަންވެސް ލިބޭނެ...ޓިކެޓް ލިބޭވަރު ކުދިން ކޮންމެހެންވެސް ޕާޓީއަށް އަންނަންވާނެ.................."
"އިޒް ހީ އެ މުސްލިމް؟"
"އެޕެރެންޓްލީ. ހިތް ފަޅާލައިގެން ބަލަން ބޭނުމެއްނޫން. ތިހެން ބުނާ ފިރިހެނާ އެންމެފަހުން ސަޖިދައެއްޖެހި އިރެއް ބުނެބަލަ.."
ބިލާލް ގަޑި ބަލާލާފައި ބުނީ ގަޑިއެއްހާއިރު ކުރިން ކަމުގައެވެ.
"ގުރުއާންގައި އަތްލީ ކޮންއިރަކު؟"
"މިދިޔަ ރަމަޟާންމަހު..."
"އެހެންވެ ބުނަނީ އެހެން މީހުން ޖަޖްނުކުރާށޭ..."
"އެހެނެއްނޫން. މިބުނީ މުސްލިމް އަންހެންކުއްޖަކަށް ކްރިސްޓިއަނަކާއި ކައިވެންޏެއްނުކުރެވޭނެތީ......."
ކާއިނާތުގެ އަނގަ ބަންދުވިއެވެ. އެބުނާހެން ކިތަންމެ ފާފަކުރިޔަސް މުސްލިމަކާއި ކައިވެނިކުރެވިދާނެއެވެ. އެކަމަކު މުސްލިމް ނޫން ފިރިހެނަކާއި ކައިވެނިކުރުން އަންހެންކުއްޖަކަށް ހުއްދައެއްނޫނެވެ. ސައިރަސް އަނގައިން ބުނެލިކަމުގައިވިޔަސް އަދި އޭނަ ދީން ބަދަލުކުރިކަމުގެ ހެއްކެއް ނުފެނެއެވެ. އޭނަވެސް އެކަމާ ބިރުގަނެއެވެ.ސައިރަސް އެހާ ފަސޭހައިން އަމިއްލަ ދީން ދޫކޮށްލާފާނެހެއްޔެވެ؟ ސައިރަސް އެއްފަހަރު ބުނީ އޭނަދެކެ އެހާ ލޯބިވަންޏާ އޭނަގެ ދީން ގަބޫލުކުރުމަށެވެ. އެއީ ކާއިނާތުއަށް ކުރެވޭނެކަމެއް ނޫނެވެ.
***
ކާއިނާތުގެ މަންމަ ހާޖަރުއާއި ސައިރަސްއާއެކު ޕްރައިވެޓްޖެޓަށް އަރާފައި ކާއިނާތު ބޭރަށް ބަލައިލިއެވެ. އާ ހަޔާތެއް ފަށަން ލޯބިވެރިޔާއާއެކު މި ކުރާ ދަތުރުގައި ކާމިޔާބު ދެއްވުމަށް އެދެވުނެވެ.
"ސައިރަސް އަދި ރަސްމީގޮތުން މުސްލިމަކަށް ނުވަން ދޯ..."
"ރަސްމީގޮތުން ވެއްޖެއްޔާ ފެމިލީމީހުން ވަރަށް ރުޅިއަންނާނެ. ކާއީ އެކަމާއި ނުވިސްނަބަލަ. ކޮންމެކަމަކަށް ދީން ވައްދާކަށް ނުވާނެ. އަހަރެންވެސް ކާއީގެ ގާތު ދީން ބަދަލުކުރަން މަޖުބޫރުވެސް ނުކުރަމެއްނު..."ސައިރަސް ކާއިނާތުގެ ލޮލަށް ބަލަން އިންގޮތުން އަސަލްމަތިން ހަނދާންވިއެވެ. އަސަލްވެސް އެގޮތަށް ކިތަންމެ އިރެއްވާންދެންވެސް ބަލަން އިންނާނެއެވެ. ގިނައިން ބެލުމުން ލޯބި އިތުރުވާކަމަށް އަސަލްވަނީ ބުނެފައެވެ. ސައިރަސްވެސް އެކަން ގަބޫލުކުރަނީކަން ނޭގެއެވެ.
"ކާއިނާތު......ކޮންތާކަށް މިދަނީ؟" ހާޖަރު ތަންކޮޅެއް އަޑުހަރުކޮށް ސުވާލުކުރިއެވެ.
"ބުނީމެއްނު ބޭސްކުރުވާށޭ. މަންމަ ހާސްނުވެބަލަ.."
"ހާސްނުވާށޭ ބުންޏަސް މިފްރިޖްގެ ދޮރުތައް ތަޅުލާ ބަންދުކޮށްލީމަ މީހާ ގަނޑުވާނީނު..ނޭވާވެސް ނުހިނގާ........"ހާޖަރު ހިތްހަމަނުޖެހޭގޮތްވިއެވެ."ކާއިނާތުއާއި ވާހަކަދައްކަން އިން ދޮންމީހާއަކީ މަންމަގެ ޑޮކްޓަރުތަ؟ ދޮން މީހުންނަށް މަންމަ އިތުބާރެއްނުކުރަން. ފަރަންޖީން މުސްލިމުންނަށް ހެވެއްނޭދޭނެ...."
"މަންމައަށް ފިނިވަނީއޭ ދޯ.ކާއީ ބްލެންކެޓެއް އަޅާދީބަލަ. މަންމަ ކެހެރި ކޯޓެއްވެސް ލައްވާ. އެކޮޅަށް ފިނިމޫސުމްވީމަ މަންމަ އަދި ވަކިން ރުޅިގަދަވާނެ. ފިންޏަށް ހޭނެން ދުވަސްނަގާފާނެ. މަށަށްވެސް ރާއްޖެ އެންމެ ކަމުދަނީ ސަނީ ޕެރެޑައިސްވީމަ."
ނުނިމޭ