ފެބްރުއަރީ 8، 2012ގައި އެމްޑީޕީ ކުރި މުޒާހަރާގެ އިސް ސަފުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް އަނިޔާކުރި ފުލުސް ކޮމާންޑަރަކީ ކާކުތޯބަލަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތު ކޮމެޓީގެ މިއަދު ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ. މައްސަލަ ހުށަހަޅުއްވަމުން މޫސަ ވިދާޅުވީ ފެބްރުއަރީ 8، 2012 ވަނަ ދުވަހު މެންބަރުންނަށް އަނިޔާކުރަން ފުލުހުން ފޮނުވީ ކީއްވެގެންތޯ ބަލަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަން ބޭނުންފުޅު ވަނީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.

"އަހަންނަށް 19 ފުލުހަކު އެކި ފަހަރުމަތިން އެ ދުވަހު އަނިޔާކުރި. ފުރަތަމަ އަޅުގަނޑުގެ ކުރިމަތީފަރާތުގައި ޖަހާފައި، އަތް ދަމާފައި މުގުރުން އަޅުގަނޑުގެ ބުރަކަށީ ޖެހީ. މިކަން ބަލަން އެބަޖެހޭ. އަޅުގަނޑު ހުށަހަޅަން އަޅުގަނޑަށް އަނިޔާކުރުމަށް ފޮނުވި ފުލުހުންގެ ކޮމާންޑަރަކީ ކާކުތޯ [ބަލަން] އަދި އެހެނިހެން މެންބަރުންނަށް ވެސް އަނިޔާކުރީ އެ ކޮމާންޑަރު ކަމަށްވެފައި އޭނަ ޖަވާބުދާރީ ކުރުވަން އެބަޖެހޭ،" އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް ވިދާޅުވީ މޫސަ ހުށަހެޅުއްވެވި މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ދެން ކޮމެޓީން ބަލައިގެން ނުވާނެ ކަމަށެވެ. އެ ދުވަހު ފުލުހުންނާ ސިފައިން ހިންގީ ބަޣާވާތެއް ކަމަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ ގައުމުގެ މަސްލަހަތާ މިއަދު ގުޅިފައި ވަނީ އެ މައްސަލަ ކަމަށް ވުމުން އެކަމުގައި ގޮތެއް ހޯދަން ކޮމެޓީން ކުރެވެން އޮތްހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އެ މައްސަލަ ލިޔުމަކުން ކޮމެޓީއަށް ހުށަހެޅުމުން ކައުންސިލް ޖެނަރަލްގެ ލަފަޔާއެކު ކޮމެޓީގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ގޮތަށް އަމަލު ކުރަން ޖެހެނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި ގައުމީ ސަލާމަތު ކޮމެޓީގެ މައްސަލަތައް ތައާޒްވާތީ ކަމަށެވެ.

ފެބްރުއަރީ 8. 2012 މަޖިލީހުގެ މެންބަރުންނަށް އަނިޔާކުރި ފުލުހުންގެ ކޮމާންޑަރަކީ ކާކުތޯ ބެލުމަށް މޫސަ ހުށަހެޅުއްވިއިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވެފައި ވަނީ އެ ދުވަހު ފުލުހުންނާ ހަވާލުވެ ހުންނެވީ އަބްދުﷲ ފައިރޫޝް ކަމަށެވެ.

މިހާރު ފައިރޫޝަކީ އެސިސްޓެންޓް ކޮމިޝަނާރު އޮފް ޕޮލިސް އެވެ.
ޝަހިންދާ ވިދާޅުވީ ފެބްރުއަރީ 8، 2012 ވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރުންނަށް ފުލުހުން އަނިޔާކުރި މަންޒަރު މީޑިއާތަކުން ފެނުމާއެކު، ފައިރޫޝަށް ގުޅުއްވައި، އެކަން ހުއްޓުވުވައި ދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ ޖަވާބުގައި "އާދޭހޭ!" ފައިރޫޝް ވިދާޅުވި ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރަމުންދާ ގޮތް މުއައްސަސާތަކުން އޮޅުންފިލުވާފަ އެވެ. އެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓާ ގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީކޮށްފައިވެ އެވެ.