16 Feb 2023, 11:37
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭގައި މީދަލުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެކަމުން ސަލާމަތްވުމަށް މިއަދު އެ ކޮމިޝަން ބަންދު ކޮށްފިއެވެ.
ބްރޯޑްކޮމް އިން ބުނީ އެ އިމާރާތުގައި މީދާ ގިނަވުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވެ ކޮމިޝަނުގެ މަސައްކަތްތަކަށް ބުރޫ އަރަމުންދާތީ އެކަމަށް ހައްލެއް ގެނައުމަށް މިއަދު ޕެސްޓް ކޮންޓްރޯލް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު ބްރޯޑްކޮމް ބަންދުކޮށް ކޮމިޝަނުގެ މުވައްޒަފުން މަސައްކަތަށް ނުނިކުންނާނެއެވެ. އަދި އޮފީސް ހުޅުވައިގެން އެއްވެސް ޚިދުމަތެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ބްރޯޑްކޮމް އިން އެއްވެސް ޚިދުމަތެއް ހޯދަން ބޭނުންނަމަ އެ ކޮމިޝަނުގެ ހޮޓްލައިން 7983353 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ކުރިން މާލޭ ސިޓީ ކައުންސިލް ހިންގި އިމާރާތް ކަމުގައިވާ ގ. ބިއްލޫރިޖެހިގޭގައި ބްރޯޑްކޮމްގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ އޮފީސް ވެސް ހިންގައެވެ.