އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުން، ބާ ދަގަނޑު ފަދަ ތަކެތީގެ ފިޔަވާރި ކުރާ ފަރާތްތަކަށް ބިން ކުރުމުއްދަތަށް ދޫކުރުމަށް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާ ކުރިޔަށް ގެންދިޔުމާ ގުޅިގެން ގިނަ އަދަދެއްގެ ބާ ދަގަނޑު ފަދަ ތަކެތި އުފެދި، އެތަކެތި ވިއްކާ، ވިޔަފާރިކުރާ ފަރާތްތައް އާންމުވެފައިވާ ކަމަށެވެ.

އެގޮތުން އެ ވިޔަފާރި ކުރަމުން ގެންދާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ އެކަންކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތި ވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެން ކަމުން އެ ކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުން، ބާ ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބިން ދޫކުރުމަށް ނިންމީ ކަމަށް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ ބިން ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ކުރުމުގެ ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނަށް ދައްކަން ޖެހި، ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައި ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެޗްޑީސީއިން ފާހަގަކުރެއެވެ.

އެހެންކަމުން ހުޅުމާލޭގައި ބާ ދަގަނަޑުގެ ވިޔަފާރި ކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން ބިން ބޭނުންވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ފޯމު ހުށަހެޅުމަށް އެދިފައިވެއެވެ. އެ ފޯމު އެޗްޑީސީގެ ރިސެޕްޝަނުން ލިބޭނެ ކަމަށް، އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމު ބަލައި ނުގަންނާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީއިން ބުނީ 15 ފެބްރުއަރީ އިން ފެށިގެން އާންމުނަށް އުނދަގޫ ވާނެހެން މަގާއި ދުވާރު ބަންދުކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.