މުސާރަ އާއި ޢިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޤާޟީ ހަސަން ސައީދު މީގެ ކުރިން ހުންނެވީ ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަގާމުގައެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސްޤާޟީގެ ޙައިޞިއްޔަތުން، ޤާޟީ ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާދީފައިވީ ނަމަވެސް ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ޤާނޫނީ ޙައިޞިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއެވެ. ނަމަވެސް ޙަސަން ސަޢީދު ދީފައިވާ ލަފާގެ ސަބަބުން ޤާނޫނާއި ޤަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޤާޟީ ޙަސަން ސަޢީދުގެ އެ ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ހިލާފު ކަމެއް ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހަށް ޤާޟީ ޙަސަން ސަޢީދު ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގައި އޭނާއަށް މުސާރައާއި ޢިނާޔަތްތައް ލިބޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.