16 Feb 2023, 11:34
ކާމިޔާބު ގިނަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ހުނަރުވެރި ޕްރޮޑިއުސަރު ރާޖްކުމާރު ހިރާނީ ވަރަށް ތާރީޚީ ބައޮޕިކްއެއް އުފެއްދުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު ފިލްމު "ސަންޖޫ"ފަދަ ފިލްމުތައް އުފެއްދި ޕްރޮޑިއުސަރު ހިރާނީ ތައްޔާރުވަމުން އަންނަނީ އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޑް ލާލާ އަމަރްނާތްގެ ހަޔާތާ ގުޅޭ ފިލްމެއް ހެދުމަށެވެ.
ރާޖްކުމާރުގެ މި ފިލްމު ޕްރޮޑިއުސްކުރުމަށް ނިންމާފައިވަނީ، ޕްރޮޑިއުސަރު އަދި އެކްޓަރު ފަރްޚާން އަޚްތަރާއި ރިތޭޝް ދޭޝްމުކްގެ ހިއްސާ އޮންނަ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމެންޓްގެ ދަށުންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ރާޖްކުމާރު ހިރާނީ މި ފިލްމަށް ތައްޔާރުވަމުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކަމަށެވެ.
އެކްޓަރު ޝާހްރުކް ޚާންއާއެކު މިހާރު ފަށާފައިވާ ފިލްމު "ޑަންކީ"އާއެކު މިފިލްމުވެސް އޭރު ޝާހުއަށް ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދެ ސްކްރިޕްޓްގެ ތެރެއިން ޝާހްރުކް ޚާންއަށް ބޮޑަށް ކަމުދިޔައީ ފިލްމު "ޑަންކީ"ގެ ސްކްރިޕްޓެވެ.
ކްރިކެޓަށް ޚާއްޞަކޮށްފައިވާ ބައޮޕިކް އިއުލާނުކުރުމަށް ޕްރޮޑިއުސަރު ރާޖްކުމާރު ހިރާނީ ނިންމާފައިވަނީ ފިލްމު "ޑަންކީ" ރިލީޒްކުރުމުގެ މަރުހަލާ ނިންމާލާފައެވެ. މިފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 22ގައެވެ.
އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ލާލާ އަމަރްނާތްއަކީ، ކްރިކެޓްގެ މައިދާނުގައި އިންޑިއާއަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިން ކުޅުންތެރިޔެކެވެ. އެގައުމަށް 186 މެޗް ކުޅެދީފައިވާ އެ ކުޅުންތެރިޔާ މަރުވެފައިވަނީ 2000ވަނަ އަހަރުއެވެ.
ރާޖްކުމާރުގެ މިބައޮޕިކްގައި ލާލާ އަމަރްނާތްގެ ރޯލްއިން ފެންނާނީ އޭ ލިސްޓު ޒުވާން އެކްޓަރެއްކަމަށް ރިޕޯޓުތައް ބުނެއެވެ. ކްރިކެޓްގެ މައިދާނުގައި ލާލާ އަމަރްނާތު ހޯދި ކާމިޔާބީތަކާއި ދިމާވި ގޮންޖެހުންތަކާއެކު ފިލްމުގެ ވާހަކަ ގެނެސްދޭނީ އޯޑިއަންސް ޝައުގުވެރިވާނެފަދަ ގޮތަކަށްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.
މީގެކުރިން ވެސް ލާލާ އަމަރްނާތްގެ ކެރެކްޓާ ކްރިކެޓާ ގުޅުންހުރި ފިލްމު "83"އިން ބެލުންތެރިންނަށްވަނީ ދައްކާލާފައެވެ. އެއީ 2021ވަނަ އަހަރު ޑައިރެކްޓަރު ކަބީރް ޚާން ނެރުނު ފިލްމެކެވެ.