ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން އެންމެ މޮޅު އިންވެސްޓިގޭޓަރުން ތިބީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ސަލާމް ވިދާޅުވެއްޖެއެވެ.

"ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" މި ނަމުގައި ކުރި ދިރާސާ އާންމުކުރުމަށް ރޭ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އޭނާ ވިދާޅުވީ މީހަކު ޖަލަށް ލައިގެން ދައުލަތުގެ މާލިއްޔަތުން އެމީހާގެ ބޮލަށް 3،000 ރުފިޔާ ޚަރަދު ކުރާނީތޯ ނުވަތަ އެމީހަކު ފޮރުވި ފައިސާ އަނބުރާ ހޯދޭނެ ގޮތަކީ ކޮބައިތޯ ބަލައި އެ ފައިސާ ހޯދާނީތޯ އެއީ ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ސަލާމް ވިދާޅުވީ އޭސީސީގެ ތެރެއިން ޓެކްނިކަލް ޓީމެއް ނަގައިގެން ކަމާބެހޭ މުވައްސަސާތަކާއެކު އިށީނދެ، ވަރަށް ފުރިހަމަ ޕްލޭނެއް މިހާރު ތައްޔާރު ކުރެއްވިއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްލޭންގެ އަލީގައި ކުރިއަށް ދާންވީ ގޮތް އެއްވެސް އޮޅުމެއް ނާރާނެ މިންވަރަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑުމެންނާ ދިމާލަށް އަބަދު ބުނާނެ، ތިޔަބޭފުޅުން ތިޔަ ކުރައްވަނީ ކޮން މަސައްކަތެއްހޭ. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި ހައިޑް ކޮށްފައި ހުރި، ނުވަތަ ވަގަށް ނަގާފައި ހުރި ފައިސާ އާއި މުދާ ހޯދާ އެ ތަހުގީގުތައް ހިންގަން އޭސީސީގެ އިންވެސްޓިގޭޓަރުންނަށް ވުރެ ވަކީން މޮޅު ބައެއް ދެން ކުރިއަށް އޮތް ތަނުގައި މި ރާއްޖޭގައި ނުތިބޭނެ،" ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް މަޑުޖައްސާލަން ކައިރިވެސް ނުވާ ކަމަށާއި ކުރިއަށް އޮތީ އަދި އެއަށްވުރެ، ބޮޑު މަސައްކަތެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި އޭސީސީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ ނުކުރެވޭ ކަންކަމުގެ ވާހަކަ ދައްކާ އެކަންކަމަށް ފާޑު ކިޔުމަކީ އިންސާނީ ތަބީއަތުގައި ވަރަށް ބޮޑަށް އަށަގެންފައިވާ އާދައެއް ކަމަށާއި އޭސީސީއަކީ ވެސް އެކަމުން އެއްކިބާވާ ތަނެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމިޝަންގެ މެންޑޭޓުގައި ނެތް ކަންކަން ވެސް އެއީ ކޮމިޝަންގެ މެންޑޭޓުގައި އޮތް ކަމެއް ކަމަށް ބަލައިގެން ފާޑު ކިޔޭތަން ވެސް ބައެއް ފަހަރު އަންނަ ކަމަށެވެ. އަދި އެބީދައިން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނުނެގޭތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ރައްޔިތުން ހާމަ ކުރަމުންދާ ކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

"އެކަމަކު އަޅުގަނޑުމެން އިސް ނަގާ މިކަން ހައްލު ކުރުމަށް ޓަކައި މިވަނީ މަސައްކަތްތަކެއް ކޮށްފަ. އެގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ މިވަނީ ދެނެގަނެވިފައި. ވަށާ ޖެހޭ ނިޒާމެއް އެކުލަވާލުމަށް ޓަކައި ބޭނުންވާ މައުލޫމާތު މިވަނީ އެއްކުރެވިފައި. އޭގެ މައްޗަށް ބިނާކޮށް ރެކޮމެންޑޭޝަންތަކެއް އަޅުގަނޑުމެންނަށް މި ވަނީ ހޯދިފައި،" ސަލީމް ވިދާޅުވިއެވެ.

"ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" މި ނަމުގައި ހެދި ދިރާސާއަކީ އެތައް ދުވަހެއްގެ މިންނެތް މަސައްކަތްކަތް ކަން ފާހަގަ ކުރައްވާ ސަލީމް އޭސީސީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.