އެކްޓަރު އަޔުޝްމާން ކުރާނާއާއި ބަތަލާ އަނަންޔާ ޕާންޑޭ ލީޑް ރޯލްއިން ފެންނަ ފިލްމު "ޑްރީމް ގާލް 2" ރިލީޒްކުރުން މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކުރީ ދެ ތަރިން އެކީގައި ފެންނަ ހެއްވާ މަޖާ ވީޑިއޯއަކުންނެވެ. ބާލާޖީ ފިލްމްސްއިން ގެނެސްދޭ މިފިލްމުގެ ޑައިރެކްޓަރަކީ، ސޮނީ ޓެލެވިޒަންއިން ގެނެސްދިން ހެއްވާ މަޖާ ޝޯވް "ކޮމެޑީ ސާކަސް"ގެ ކޮންޓެންޓް ޑައިރެކްޓަރު ރާޖް ޝާންދަލިޔާއެވެ.

ދެހާސް ނަވާރަވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑްރީމް ގާލް"ގެ ކާމިޔާބަށްފަހު މިފިލްމަކީ މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ.

މިފިލްމުގައި އަޔުޝްމާން ކުރާނާ ފެންނާނީ އަންހެން އަޑުން ވާހަކަ ދައްކާ، އޭނާގެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާ ކޯލް ސެންޓާ މުވައްޒަފެއްގެ ރޯލްއިންނެވެ.

"ޑްރީމް ގާލް"ގެ ދެވަނަ ބައިގެ ޓްރެއިލާއިން އޭނާ ފެންނާނީ ވެސް އަންހެން ހެދުމުގައި ހުންނަ ތަނެވެ. އެހެންކަމުން ފުރަތަމަ ބަޔަށްވުރެ ދެވަނަ ބައިން އޯޑިއަންސް ހެއްވާލާނެ ގިނަ މަންޒަރުތައް ފެންނާނެއެވެ. ފިލްމުގައި ފެންނާނެ އިތުރު ތަރިންގެތެރޭގައި، އެކްޓަރު ޕަރޭޝް ރަވަލަ، ރާޖްޕަލް ޔާދަވް، އައްނޫ ކަޕޫރު ހިމެނެއެވެ.

އެކްޓަރު އަޔުޝްމާންއަކީ އަބަދުވެސް ވަރަށް ތަފާތު ރޯލްތައް ކުޅުމަށް ޝައުޤުވެރިވާ އެކްޓަރެކެވެ. މިދިޔަ އަހަރު އެކަނިވެސް އަޔުޝްމާންގެ ތިން ފިލްމެއްވަނީ ރިލީޒްކޮށްފައެވެ.

މި ތިން ފިލްމުގައިވެސް އޭނާ ފެނުނީ މުޅިންވެސް ތަފާތު ތިން ކެރެކްޓާއިންނެވެ. އަޔުޝްމާންގެ އެންމެ ފަހުން ފެނުނީ އެކްޝަން ފިލްމު "އޭން އެކްޝަން ހީރޯ" އާއި ފިލްމު "ޑޮކްޓަރު ޖީ"އިންނެވެ. އެ ފިލްމު ނެޓްފްލިކްސްގައި ވަނީ ޕްރިމިއާކުރަން ފަށާފައެވެ.