16 Feb 2023, 08:48
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް މިދިޔަ މަހުގެ 28ވަނަ ދުވަހު ބޭއްވި ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވަނީ ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ފާތިމަތު ދިޔާނާ ސައީދުވެ.
ހާމިދު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ މައުލޫމާތު ދެއްވާނީ ދިޔާނާ ކަމަށެވެ. ނަމަވެސް ދިޔާނާއާ ގުޅޭނެގޮތެއް ނުވުމުން އެ މައްސަލައާ ގުޅޭ ތަފްސީލު އަދި ވަނީ ލިބެގޮތް ނުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ބޮޑު ތަފާތަކުން ނަޝީދު ބަލިކުރައްވާފައެވެ.
މި އިންތިޚާބުގައި ރައީސް ޞާލިހާ ވާދަކުރެއްވި ނަޝީދު ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލުފުޅު ކުރައްވައިފައެވެ. އެހެންނަމަވެސް ރައީސް ޞާލިހަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވަން ގޮތެއް ނިންމަވާނީ އެ މަނިކުފާނު ހައްދަވަން މަސައްކަތްޕުޅުކުރައްވާ "ފިކުރެއްގެ ދިރުން" ގޮފި އުފެއްދުމަށްފަހު އެ ގޮފީގެ މެމްބަރުންގެ ޚިޔާލާއެކު ކަމަށް ނަޝީދު ވިދާޅުވެއެވެ.
އެމްޑީޕީގައި ދެ ފެކްޝަން އުފެދި މިހާރު ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.