ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމު "ލަވް އެގެއިން"ގެ ޓްރެއިލާ ޢާއްމުންނާ ހިއްސާކޮށްފިއެވެ.

އެކްޓަރު ސޭމް ހިއުގަންއާއެކު ޕްރިޔަންކާ ފެނިގެންދާ ލޯބީގެ މިފިލްމަކީ، އެމެރިކާގެ ސްކްރީން ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ޖޭމްސް.ސީ ސްޓަރައުސް ޑައިރެކްޓްކޮށް ލިޔެފައިވާ ލޯބީގެ ކޮމެޑީ ޑްރާމާއެކެވެ. މިއީ 2016ވަނަ އަހަރު ރިލީޒްކުރި ޖަރުމަނު ފިލްމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

މިފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އެކީގައި ލޯބިން އުޅުނު ލޯބިވެރިޔާގެ ކުއްލި މަރާއެކު ޕްރިޔަންކާ ކުޅޭ ރޯލް މީރާއަށް ދިމާވާ ހިތްދަތި ދުވަސްތަކުން އަރައިގަންނަން ލޯބި ހޯދުމަށް ކުރާ ދަތުރުގެ މައްޗަށެވެ. ފިލްމުގެ ނަމާ އެއްގޮތަށް ފިލްމުގެ މުޅި ތީމްވެސް ބިނާވެފައިވަނީ ދެވަނަ ފަހަރަށް ހަޔާތުގައި ލޯބީގެ ކުލަ ޖެއްސުމަށް ކުރެވޭ މަސައްކަތްތަކަށެވެ.

މިފިލްމުގެ ވަރަށް ޚާއްޞަ ފެނިލުމަކުން ބަތަލާ ޕްރިޔަންކާގެ ފިރިމީހާ އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްވެސް ފެންނާނެއެވެ. އަދި، "ޓައިޓޭނިކް"ގެ ތީމް ލަވަ ކިޔައިދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލިން ޑިއޯންވެސް އެ ފިލްމުގެ މުހިންމު ރޯލަކުން ފެންނާނެއެވެ.

ބެލުންތެރިންނަށް ލިބޭ އަނެއް އުފާވެރި ޚަބަރަކީ މިފިލްމުގެ އެކި ސީންތަކުން ސެލިން ޑިއޯންގެ އަޑުން ކިޔާފައިވާ ލަވަތައްވެސް އިވޭނެ ޚަބަރެވެ. ސޮނީ ޕިކްޗާސްއިން ޑިސްޓްރިބިއުޓްކުރަން ނިންމާފައިވާ މިފިލްމު ތިއޭޓަރުން ފެންނާނީ މިއަހަރުގެ މެއި މަހުގެ 12ވަނަ ދުވަހުއެވެ.

ދެހާސް ފަނަރަވަނަ އަހަރު އެމެރިކަން ތްރިލާ ޑްރާމާ ސީރީސް "ކުއަންޓިކޯ"އަށްފަހު ޕްރިޔަންކާ ބޮޑަށް އިސްކަންދީފައިވަނީ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށެވެ. އަދި ނިކް ޖޯނަސްއާ ކައިވެނިކުރުމަށްފަހު އޭނާގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަނީ އެމެރިކާގެ ލޮސް އެންޖަލިސްގައެވެ.

ޕްރިޔަންކާ އެންމެފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2019ވަނަ އަހަރު ރިލީޒްވި ފިލްމު "ދަ ސްކައި އިޒް ޕިންކް"އިންނެވެ. އޭގެފަހުން 2021ވަނަ އަހަރު ރިލީޒްވި ހިންދީ-އިނގިރޭސި ފިލްމު "ދަ ވައިޓް ޓައިގާ"އިންވެސް އޭނާ ވަނީ ފެނިފައެވެ.