15 Feb 2023, 23:03
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދޭން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީން ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމުމަށް އިއްޒުއްދީން ސްކޫލްގައި މިރޭ 8:30ގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުން ވަނީ ކޯލިޝަން ހެދުމާ އެއްކޮޅަށް ވޯޓުދީފައެވެ. ބާކީތިބި ހަތަރު މެމްބަރުންނަކީ ވަކި ގޮތަކަށް ވޯޓު ނުދޭ މެމްބަރުންނެވެ.
މިރޭގެ ބައްދަލުވުމުގައި އެ ނިންމުން ހުށަހަޅުއްވައި ދެއްވާފައި ވަނީ ރައީސް ޞާލިޙުގެ ކެމްޕެއިން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.
"ސިޔާސީ ޕާޓީއަކާ ނުވަތަ ސިޔާސީ ލީޑަރަކާ ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު އިއްތިހާދުވުމަށް ފެނިއްޖެނަމަ އެފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވާލުމަށާއި ޕާޓީގެ ފަރާތުން އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު މިޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިނުމަށް މި ޕާޓީގެ ގައުމީ މަޖިލިސް އިގުރާރު ވަމެވެ،" ނާޝިޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ. އޭގެ ތެރޭގައި:
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
- ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް
- ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
އެމްޑީޕީ ތެރޭގައި މިހާރު ވަނީ ރައީސް ނަޝީދަށާއި ރައީސް ޞާލިޙަށް ތާއިދުކުރާ މީހުންގެ ފެކްޝަން އުފެދި ބައިބައި ވެފައެވެ. މިދިޔަ މަހުގެ 28ވަނަ ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީއަށް ފަހު އެ ޕާޓީ އިތުރަށް ބައިބައިވެ ފާޅުގައި ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.
ޕްރައިމަރީއަށް ފަހު ނަޝީދުގެ ފެކްޝަނުން ގެންދަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގައި ގޮތްޕެއް ހަދަން ތާއީދު ފޯމު ފުރަމުންނެވެ.