15 Feb 2023, 22:34
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން ބޮއިކޮޓްކޮށްފިއެވެ.
އިއްޒުއްދީން ސްކޫލުގައި މިރޭ 08:30ގައި އެމްޑީޕީން ބޭއްވި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެކެވެ. ނަމަވެސް، މިރޭގެ ބައްދަލުވުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެމްބަރުންތަކެއް ވަނީ ބޮއިކޮޓްކޮށްފައެވެ. އޭގެ ތެރޭގައި:
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
- ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް
- ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ މިރޭގެ ބައްދަލުވުމަށް ނުދިޔައީ ބައްދަލުވުމަށް ދާން ނުފެއްނާތީ ކަމަށެވެ.
"ހަމަ ދާން ނުފެންނަ މެމްބަރުން ނުދިޔައީ. ކޮންމެހެން ގައުމީ މަޖިލީހަށް ދިއުމަކީ މަޖުބޫރުކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން މިރޭގެ ބައްދަލުވުން ބޮއިކޮޓްކުރަން ނިންމާފައި ނުވާކަމަށެވެ.
އެމްޑީޕީ ތެރޭގައި މިހާރު ވަނީ ރައީސް ނަޝީދަށާއި ރައީސް ޞާލިހަށް ތާއިދުކުރާ މީހުންގެ ފެކްޝަން އުފެދި ބައިބައި ވެފައެވެ. މިދިޔަ މަހުގެ 28ވަނަ ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީއަށް ފަހު އެ ޕާޓީ އިތުރަށް ބައިބައިވެ ފާޅުގައި ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.
ޕްރައިމަރީއަށް ފަހު ނަޝީދުގެ ފެކްޝަނުން ގެންދަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގައި ގޮތްޕެއް ހަދަން ތާއީދު ފޯމު ފުރަމުންނެވެ.