16 Apr 2012, 13:30
ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ އެވެ.
އިއްޔެ ފެށި މުބާރާތް ފިރިހެން ޑަބަލްސް ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މުހައްމަދު އިބްރާހިމާއި އަލީ ނިޝާމަން ބަލިކުރުމަށް ފަހު ފައިނަލުގެ އެއްކޮޅުން ޖާގަ ކަށަވަރުކުރީ ޝާފީ މުހައްމަދާއި ވިޝާމް އަބްދުﷲ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މުހައްމަދު ނޫރުޝާނާއި އިބްރާހިމް މޫސާ ބަލިކުރުމަށް ފަހު ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ ހުސެއިން ނީޝާމާއި އަހްމަދު ރަޝީދެވެ.
އަންހެން ޑަބަލްސް ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އައިމިނަތް ވިޝާމާއާއި ޖުމާނާ ޚަލީލް ބަލިކުރުމަށް ފަހު ފައިނަލުގެ އެއްކޮޅުން ޖާގަ ކަށަވަރުކުރީ އައިޝަތް ފައިނާޒާއި ފާތިމަތް ރަޔާނެވެ. އަންހެން ޑަބަލްސް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފާތިމަތް ޒޫޝާނާއި ޝާފިރާ ގާސިމް ބަލިކުރުމަށް ފަހު ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ އައިމިނަތް ނިފާޝާއާއި ޝަކީލާ ހުސެއިންއެވެ. ފިރިހެން ޑަބަލްސް އިވެންޓުގައި އަށާރަ ޕެއަރއެއް ވާދަކޮށްފައިވާއިރު އަންހެން ޑަބަލްސް އިވެންޓުގައި ވަނީ ހަ ޕެއާއަކުން ވާދަކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުޅޭނީ މިކްސްޑް ޑަބަލްސް އިވެންޓުގެ ކުޅުމެވެ. ގަލޮޅު ބޯޅަ ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މި މުބާރުތުގެ ކުޅިބެލުން ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. ކޮންމެ ދުވަހެއްގެ ހަވީރާއި އަދި ރޭގަނޑުގެ ވަގުތުތަކުގައި މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިމަހުގެ 15އިން21 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ ފިރިހެން ސިންގަލް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގެ އިތުރުން އޯޕަން ސިންގަލް އިވެންޓެވެ.