15 Feb 2023, 22:20
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން "އެއް އުއްމަތޭމީ"ގެ ނަމުގައި ފަންޑްރެއިޒިން ކެމްޕޭނެއް ފަށައިފިއެވެ.
މި ފަންޑްރައިޒިން ކެމްޕޭނަކީ އިލްމުވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
"އެއް އުއްމަތޭމީ" ކެމްޕޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިލްމުވެރިންނާއި އައިއޭސީން ވަނީ ބައިވެރިވެފައެވެ.
ކެމްޕޭނުގެ ދަށުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި އެކަމާ ގުޅޭ އެހެނިހެން މައުލޫމާތުތައް މިއަދުން ފެށިގެން ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ލިބޭނެއެވެ. އަދި އަންނަ ހުކުރު ދުވަހުގެ ޚުތުބާ ވެސް ޚާއްސަ ކުރެވިފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާ ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން ހަމަ އެ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބޮޑެތި މިސްކިތްތަކުގައި އެއް ފަންޑު ފޮއްޓަށްވުރެ ގިނަ ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި އާއްމުން އެންމެ ގިނައިން އެއްވެއުޅޭ ތަންތަނުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް މެނޭޖުކޮށް ބަލަހައްޓައި، ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭނީ އައިއޭސީންނެވެ. ހަމައެގޮތަށް ހާލުގައިޖެހިފައިވާ މީހުންނަށް އޮންލައިންކޮށް ވެސް އެހީތެރިވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އޮންލައިންކޮށް އެހީތެރިވާން ބޭނުން ނަމަ އައިއޭސީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަދާފައެވެ.
މިހާރު ވެސް އައިއޭސީން ދަނީ މި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވަމުންނެވެ.
"އަޅުގަނޑުމެން ޓީމުގެ މީހުން މިހާރުވެސް އެކޮޅުގައި ގްރައުންޑުގައި އެބަ ހަރަކާތްތެރިވޭ. މިހާރުވެސް ގިނަ ބަޔަކަށް ކެއުން ހަމަޖައްސައިދީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ އެގޮތަށް،" އައިއޭސީގެ ފަރާތުން އަހުމަދު އިގްބާލު ވިދާޅުވިއެވެ.
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ގިނަ ޖަމިއްޔާތަކުން މިހާރު ވެސް އިސްނަގާފައިވާ ކަމަށާއި އިތުރު ޖަމިއްޔާތަކާއި ކައުންސިލުތަކުން ވެސް މި ކެމްޕޭނުގައި ބައިވެރިވުމަށް ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަތްކުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި މަހުގެ ހަޔެއްގައި ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.
ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 ހުރަސްކޮށްފައެވެ.