15 Feb 2023, 22:36
އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި މުމްބާއީގައި ހުންނަ ބީބީސީ އޮފީސް، އިންޑިއާގެ ޓެކްސް އޮފިސަރުން ޖެހިޖެހިގެން ދެ ދުވަހު ބަލާ ފާސްކޮށްފިއެވެ.
އަލްޖަޒީރާގައިވާ ގޮތުން، މިދިޔަ އަންގާރަ ދުވަހު ބީބީސީގެ އޮފީސްތައް ބަލާ ފާސްކުރަން ފެށުމަށް ފަހު، މިއަދު ވެސް ޓެކްސް އޮފިސަރުން އެ މަސައްކަތް ހުއްޓާލާފައެއްނުވެއެވެ. އޭގެ ސަބަބުން ބީބީސީގެ މެނޭޖްމެންޓުން ވަނީ މުވައްޒަފުން ގޭގައި މަސައްކަތްކުރަން އަންގާފައި ކަމަށް އެ ނޫހުގައިވެއެވެ.
ބީބީސީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ޓެކްސް އޮފިސަރުން ވަނީ ބައެއް މުވައްޒަފުންގެ ފޯނު އަތުލައި، އެމީހުންގެ ކޮމްޕިއުޓަރުތައް ސްކޭންކޮށްފައެވެ.
އެ ތަހުގީގާ ބެހޭ ގޮތުން އިންޑިއާގެ އިންކަމް ޓެކްސް އޮފިޝަލުން އެގައުމުގެ ނޫސްތަކަށް ވިދާޅުވީ އެއީ އިންޑިއާގައި ބީބީސީ ހިންގުމުގައި ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ކުރިއަށްގެންދާ ތަހުގީގެއް ކަމަށެވެ.
އެ ތަހުގީގު ފަށާފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ގޮތުން ބީބީސީއިން ޑޮކިއުމެންޓްރީއެއް ނެރުނުތާ އެއް މަސް ވެސް ނުވަނީސްއެވެ. އެއީ 2002 ވަނަ އަހަރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ ގޮތުގައި މޯދީ ހުންނެވި އިރު އެ ސްޓޭޓުގައި ހިނގި ދީނީ ހަމަނުޖެހުންތައް ހުއްޓުވުމަށް މޯދީ އެކަށީގެންވާ ވަރަށް ފިޔަވަޅު އެޅުއްވިތޯ ސުވާލު އުފައްދައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.
އެ ހަމަނުޖެހުންތައް ފެށުނީ ގިނަ އަދަދެއްގެ ހިންދޫން ތިބި ރޭލެއްގައި ރޯވެ، 59 މީހުން މަރުވުމުންނެވެ. އެއާއެކު ހިންދޫ ދީނުގެ މީހުންގެ ހަމަލާތައް މުސްލިމުންނަށް އަމާޒުވެ، ދެ ފަރާތުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 1000އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ސަރުކާރުގެ ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
އެ ޑޮކިއުމެންޓްރީއަށް އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ މޯދީއާ ދެކޮޅަށް ނެރެފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ ސަރުކާރުން ވަނީ އެގައުމުގައި އެ ޑޮކިއުމެންޓްރީ ދެއްކުން މަނާކޮށްފައެވެ.