15 Feb 2023, 14:36
ގުރޫޕް ހަދައިގެން, ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެނާ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޒާމް އެވެ.
ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް އެދޭ ކަމަށެވެ.
މިހާރަކަށް އައިސް މާރާމާރީތައް އިތުރުވަމުންދާއިރު، އިއްޔަ ވިލިމާލޭ ފެރީ ޓާމިނަލް ތެރޭގައި މީހަކަށް ހަމަލާދީ ޒަޚަމް ކޮށްލާފައިވެއެވެ. 'ސަން' އާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
އޭގެ އިތުރުން މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އެ ހާސިދާގައި އަނިޔާވި މީހާއަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުގައެވެ.