15 Feb 2023, 14:47
ވޮޝިންޓަން (15 ފެބްރުއަރީ 2023): ސޫރިޔާގެ އިރު އުތުރުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައުލޫމާތު ހޯދައި ޖާސޫސުކުރަން އުޅުނު އީރާނުގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި ކަމަށް އެމެރިކާ ބުނެފިއެވެ.
މެދުއިރުމަތީގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތައް މެނޭޖުކުރާ އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި ސޫރިޔާގެ އިރު އުތުރުގައި އީރާނުގެ ޑްރޯންތައް އުދުހޭ މިންވަރު މިފަހަކަށް އައިސް އިތުރުވަމުންދާއިރު އެސަރަހައްދުގައި ތިބޭ އެމެރިކާގެ ބާރުތަކުން އިއްޔެވަނީ އީރާނުގެ ޑްރޯނެއް ވައްޓާލާފައެވެ.
ވައްޓާލި ޑްރޯން މަސައްކަތްކުރި ކަމަށް ބެލެވެނީ ސޫރިޔާގެ ހުޅަނގު އުތުރުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް ފާރަލައި ޖާސޫސުކޮށް އެސަރަހައްދުގައި މަރުކަޒުކޮށްފައިވާ އެމެރިކާގެ ބާރުތަކުގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދެނެގަތުމާއި ފޮޓޯނެގުންފަދަ ކަންކަމުގައެވެ. އެމެރިކާގެ މިވާހަކަތަކަށް އީރާނުން ރައްދު ދީފައެއް ނުވެއެވެ.
ސޫރިޔާގެ ހުޅަނގު އުތުރަށް ވަދެގަނެ އެސަރަހައްދުގައި އެމެރިކާ އަސްކަރީ ގޮތުން ފައިހަރުކޮށްލައިގެން އުޅެނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖަހައި ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން ޚިލާފަށެވެ.
އެމެރިިކާ ސިފައިން ގާނޫނާ ޚިލާފަށް ގަދަބާރުން ސޫރިއާގެ އިރު އުތުރުގައި ފައިހަރުކޮށްލައިގެން އުޅެނީ އީރާނާއި އިރާގުގައި އީރާނުން ހިންގާ އަސްކަރީ ހަރަކާތްތަކަށް ފާރަލުމަށާއި އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް ހުރަސްއަޅައި ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ބާޣީ ޖާމާއަތްތަކަށް އެހީތެރިވުމަށް ކަމަށް އީރާނާއި ސޫރިޔާއިން ބުނެއެވެ.
ސޫރިޔާ ސަރުކާރު ތުހުމަތު ކުރާގޮތުގައި ސޫރިޔާގެ އިރު އުތުރުގައި ގަވައިދާ ޚިލާފަށް މަރުކަޒުކޮށްގެން އުޅޭ އެމެރިކާ ސިފައިން ގެންދަނީ އެސަރަހައްދުގައިވާ ސޫރިޔާގެ ތެޔޮވެސް ވަގަށް ނަގަމުންނެވެ. ސޫރިޔާގައި ފައިހަރުކޮށްލައިގެން އުޅޭ އެމެރިކާ ސިފައިންނަށް އެހީތެރިވަނީ ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީ ބާޣީ ޖަމާއަތްތަކެވެ. މީގެތެރޭގައި "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" ޖާމައަތާއި "ކާޑިޟް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް" މިދެޖަމާއަތް ހިމެނެއެވެ.
މިދެ ޖަމާއަތަކީ ސޫރިޔާގެ ކުރުދީންގެ ދެ ޖަމާއަތެވެ. ނަމަވެސް ސޫރިޔާގެ އަވަށްޓެރި ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ތުރުކީގެ ކުރުދީ ބާޣީ ޖަމާއަތްތަކަށް މިދެޖަމާއަތުން އެހީތެރިވާކަމަށް ތުރުކީ ތުހުމަތު ކުރެއެވެ. ތުރުކީ ސިފައިން ސޫރިޔާގެ އުތުރުން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ވަދެގަނެ މިދެޖަމާއަތާ ދެކޮޅަށް ދޭތެރެއަކުން ހަނގުރާމަކުރަމުން ގެންދެއެވެ.
އަދި ތުރުކީގެ އަސްކަރީ މަތިންދާބޯޓުތަކުން މިދެޖަމާއަތުގެ އަމާޒުތަކަށް ވަރަށް ގިނައިން ހަމަލާތައް ދެއެވެ. "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" ޖާމައަތާއި "ކާޑިޟް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް"ގެ ހަނގުރާމަވެރިންނަށް ބޭނުންވާ ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީ ސޫރިޔާގައި ގަވައިދާ ޚިލާފަށް އުޅޭ އެމެރިކާ ސިފައިން ކަމަށްވާތީ ތުރުކީން ވަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ.
އެމެރިކާ މި ދެ ޖަމާއަތަށް އެހީވަނީ ސޫރިޔާގައި އެމެރިކާ ހާސިލްކުރަން ބޭނުންވާ މަގްސަދުތައް ހާސިލުކުރުމުގައި މި ދެ ޖަމާއަތުގެ އެހީތެރިކަން ބޭނުންވާތީއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި އީރާން ގެންދަނީ ސޫރިޔާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ހިމާޔަތުގައި ސޫރިޔާގައި އަސްކަރީގޮތުން ވަރަށް ބޮޑަށް ފައިހަރުކުރަމުންނެވެ. އަދި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ވެސް ސޫރިޔާގައި ގިނަވަމުންދާކަމާއި ސޫރިޔާއަށް އީރާނުން ފޮނުވާ ހަތިޔާރުގެ މިންވަރުވެސް އިތުރުވަމުންދާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފާހަގަ ކުރެއެވެ.
އެމެރިކާއާއި އިސްރާއީލު ބުނާގޮތުން އީރާނުގެ މަގްސަދަކީ ސޫރިޔާ މެދުވެރިކޮށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަތިޔާރު ސަޕްލައިކޮށް އިސްރާއީލަށް ނުރައްކާކުރުމެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކަށް އަސްކަރީގޮތުން އެހީތެރިވާކަމުގެ ތުހުމަތުވެސް އެމެރިކާއާއި އިސްރާއީލުން އީރާނުގެ މައްޗަށް ކުރެއެވެ.
ހިޒްބުﷲ އަކީ ލުބްނާނާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނާ ކުރިމަތިލުމަށް އީރާނުގެ މަދަދާއެކު ލުބްނާނުގެ ޝިޔައީން އުފައްދާފައިވާ ޖަމާއަތެކެވެ. ލުބްނާނުގެ ދެކުނުގެ ސަރަހައްދުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ފައްސާލީ ހިޒްބުﷲ އިންނެވެ. ހިޒްބުﷲ އަސްކަރީގޮތުން ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި އޮތުމުން ލުބްނާނަށް ހަމަލާދީ އުދުވާން ހިންގަން އިސްރާއީލަށް ދަތިވެއެވެ. އަދި އެކަމަށް ފަސްޖެހެއެވެ.
އިސްރާއީލު ގެންދަނީ އީރާނުން ސޫރިޔާއަށް ހަތިޔާރު ގެނެސް ސޫރިޔާ މެދުވެރިކޮށް ހިޒްބުﷲއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ތުހުމަތުކޮށް ސޫރިޔާއަށް ވައިގެ މަގުން ވަރަށް ގިނައިން ހަމަލާތައް ދެމުންނެވެ.