16 Apr 2012, 13:20
މާލޭގައި ތަކެތީގެ އަގުތައް ބޮޑުވާ މިންގަނޑު ނުވަތަ އިންފްލޭޝަން ރޭޓް، 14 ޕަސެންޓަށް ވުރެ މައްޗަށް އަރައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން މިދިޔަ މަހު އާންމު ކުރި އިންފްލޭޝަންގެ މިންގަޑު ވަޒަންކުރާ، ސީޕީއައިން ދައްކާ ގޮތުން މިދިޔަ މަހު މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 14.60 ޕަސެންޓަށް އަރާފަ އެވެ. އެއީ ފެބްރުއަރީ މަހު އިންފްލޭޝަން ހުރި 13.40 ޕަސެންޓަށް ވުރެ 0.79 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 20.17 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ރޭޓް ހުރީ 12.25 ޕަސެންޓްގަ އެވެ.
އެ ޑިޕާޓްމަންޓުން ބުނީ އިންފްލޭޝަން ރޭޓް މައްޗަށް ދިޔައީ ވަރަށް ބޮޑަށް މަހުގެ އަގު މައްޗަށް ދިޔުމުން ކަމަށާއި ގޯތި ގެދޮރާއި ފެނާއި ކަރަންޓާއި އަދި ތެލުގެ އަގު މައްޗަށް ދިޔުންވެސް އޭގެ ތެރޭގައި ހިމެނޭކަމަށެވެ.
މަހުގެ އަގުތައް ފެބުރުއަރީ މަހާ އަޅާބަލާއިރު 20 ޕަސެންޓުން މައްޗަށް ދިޔައިރު ތެލާއި ކަރަންޓް އަދި ފެނުގެ ބައިން 23 ޕަސެންޓް ވަނީ އިންފްލޭޝަން މައްޗަށް ޖެހިފަ އެވެ. އަދި އެކިބާވަތުގެ ކާނާތަކުގެ އަގު 35 ޕަސެންޓަށް ވެސް ވަނީ އުފުލިފަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 12.8 ޕަސެންޓުގަ އެވެ. މާލޭގެ އިންފްލޭޝަން ހުރީ 11.3 ޕަސެންޓްގަ އެވެ. އަދި އަތޮޅުތަކުގައި އިންފްލޭޝަން ހުރީ 14.3 ޕަސެންޓްގަ އެވެ. ރާއްޖޭގެ އިންފްލޭޝަން އެހެން ހުރި ނަމަވެސް އަވައްޓެރި ލަންކާގެ އިންފްލޭޝަން މިދިޔަ އަހަރު ނިމުނީއިރު ހުރީ 3.5 ޕަސެންޓްގަ އެވެ.
މިދިޔަ އަހަރު ޑޮލަރުގެ އަގު ބޮޑުވުމާއި ދުނިޔޭގެ އިގްތިސޯދަށް އައި ހީނަރު ކަމާ އެކު ރާއްޖޭގެ އިންފްލޭޝަން ދަނީ ދުވަހެއް ދުވަހަކަށް މައްޗަށް ޖެހެމުންނެވެ.