މަޝްހޫރު ޗޮކްލެޓް ބްރޭންޑުތައް ކަމަށްވާ އެމްއެންޑްއެމްސް އާއި މާސް އުފައްދާ އެމެރިކާގެ ކުންފުނި ކަމަށްވާ މާސް ރިގްލީގެ ފެކްޓަރީއެއްގައި މަސައްކަތް ކުރި ދެ މުވައްޒަފަކު ޗޮކްލެޓް ޓޭންކަކަށް ވެއްޓި އަނިޔާވެއްޖެއެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގެ ޗޮކްލެޓް ފެކްޓްރީގައި ހިނގި މި ހާދިސާއަކީ އެ ފެކްޓަރީގެ އިހުމާލުންވި ކަމެކެވެ.

އެމެރިކާގައި ވަޒީފާގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރާ އިދާރާ ކަމަށްވާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އެޑްމިނިސްޓްރޭޝަން (އޯޝާ) އިން އެކަމާ ގުޅިގެން ބުނީ، މުވައްޒަފުން ޓޭންކާ ގާތުގައި މަސައްކަތް ކުރުވާފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެމީހުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެމީހުންނަށް ބޭނުންވާ ޓްރެއިނިން ވެސް ފޯރުކޮށްދީފައި ނުވާ ކަމަށް އޯޝާއިން ވަނީ ބުނެފައެވެ.

ޕެންސިލްވޭނިއާގެ އެލިޒަބެތުޓައުންގެ ފެކްޓަރީއެއްގައި އެ ހާދިސާ ހިނގީ މުވައްޒަފުން ފެކްޓަރީގެ މެއިންޓެނެންސްގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ގާތްގަނޑަކަށް މެދާ ހަމައަށް ޗޮކްލެޓު ހުރި އެ ޓެންކަށް ދެމީހުން ވެއްޓި ވަނީ އަނިޔާވެފައެވެ. އެ ދެމީހުން ޓޭންކުން ނެގުނީ ޓެންކުގެ ބުޑުން ބާގަނޑެއް ކަނޑައިގެންނެވެ.

އެ ދެމީހުންގެ ހާލަތާ ގުޅޭގޮތުން އޯޝާ އިން ބުނެފައިވަނީ އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން މަހުގައި ހިނގި އެ ހާދިސާގެ ވާހަކަ މިހާރު އާންމު ކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ފެކްޓަރީއަށް ފިޔަވަޅު އެޅުމުންނެވެ.

އެގޮތުން، ފެކްޓަރީގެ ފަރުވާ ކުޑަކަމުން ގެއްލުން ވުމުން އެ ފެކްޓަރީ ވަނީ ޖޫރިމަނާކޮށްފައެވެ. އޯޝާ އިން ބުނެފައިވަނީ އެ ފެކްޓަރީ ވަނީ 14،500 ޑޮލަރުން ޖޫރިމަނާ ކޮށްފައި ކަމަށެވެ.