ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. އެ ގަރާރުގައި ބުނީ އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމަށާއި ބެޑް ކެޕޭސިޓީ އިތުރުކުރުމަށާއި އެ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭ ގޮތަށް ހަބެއްގެއް ގޮތުގައި ތަރައްގީ ކުރެވޭނީ އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީ ކޮށްގެން ކަމަށެވެ. އޭގެ އިތުރުން އެކަން ކުރުމަށްޓަކައި އެއާޕޯޓާއި ސީޕޯޓުގެ އިތުރުން ޓޫރިޒަމާ ކަނެކްޓިވިޓީ އިތުރު ކުރަން ޖެހޭ ކަމަށް ވެސް ގަރާރުގައި ވެއެވެ.

ގަރާއުގައި ބުނީ އައްޑޫ އެއާޕޯޓާއި ސީޕޯޓު ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އަައްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފަޔާ ސްޓޭޝަން ބިލްޑިންގް ހެދުމާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޓާމިނަލްތަކެއް ގާއިމް ކުރަން ޖެހޭ ކަމަށް ގަރާރުގައި ވެއެވެ.

އޭގެ އިތުރުން އެއާޕޯޓް އެކްސެސް ރޯޑެއް ހަދައި، އައްޑޫ އެއާޕޯޓާއި ސީޕޯޓް ހިންގުން ހަރުދަނާ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

އެއާޕޯޓާއި ސީޕޯޓް ތަރައްގީ ކުރަން ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ވެސް ގަރާރުގައި ބަޔާން ކޮށްފައިވެއެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެ، މި ދަނޑިވަޅުގައި ސަރުކާރުން އެ ޕްރޮޖެކްޓުތަކަށް ފައިސާ ހޯދަން ދަތިވާނެ ކަމަށް ބެލެވޭ ކަމަށް ގަރާރުގައިވެއެވެ.

ގަރާރުގައި ބުނީ ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒް ކުރެވިއްޖެނަމަ އެކަމުން ސަރުކާރަށް ވަންނަ ފައިސާ އިތުރުވާނެ ކަމަށެވެ. ވުމާއެކު އެކަމުގައި ހުރި އޮޕްޝަންތަކަށް ރިއާޔަތް ކުރުމަށްފަހު ފައިދާ އެންމެ ބޮޑުވާނެހެން، ސީޕޯޓާއި އެއާޕޯޓް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ކަމަށް ގަރާރުގައި ވެއެވެ.