15 Feb 2023, 12:45
މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިގަނެފައިވާ ދުސްތޫރީ މައްސަލައެއް އެ ކޯޓުން ބެލުމުގެ އިހްތިސާސް ނެތް ކަމަށް މިއަދު ނިންމައި ހުކުމްކޮށްފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2013 ވަނަ އަހަރުއެވެ. އެއީ, ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އަށް މާއްދާއެއް ގާނޫނު އަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭރުގެ ގައުމީ ޕާޓީގެ ފަރާތުން އިމާދު ޞާލިޙު ހުށަހެޅި މައްސަލައެކެވެ.
އެ މާއްދާތައް ބާތިލްކުރުމަށް އޭރު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ 10,000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުން ހުއްޓުވުމެވެ.
އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއްތިފާގުވެފައި ވަނީ އެއީ ސުޕްރީމް ކޯޓުން ބެލުމުގެ އިހްތިސާސް ނެތް މައްސަލައެއްގެ ގޮތުގައެވެ.
އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުއެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ސުޖޫން ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ. އެ ހަތަރު ފަނޑިޔާރުން ވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ތާއިދު ކުރައްވާފައެވެ.
"މި މައްސަލައިގައި އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި ހޯދުމަށް އެދުނު ފަރުވާތަކަށް ރިއާޔަތްކުރާއިރު މި މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަންޖެހޭ ފަދަ ސަބަބެއް އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅިފައިވާ ކަމަކަށް އަހަރުން ނުދެކެން," އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދިނީ އެ ކޯޓުގެ ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީ ކަމެއް އެނގެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.