15 Feb 2023, 12:04
ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި ރެގިއުލޭޓްކޮށް މޮނީޓާކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅުއްވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބެލުމަށް މަޖިލީހުގައި އުފައްދާފައިވާ އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، "ސަރުކާރުގެ ވިޔަފާރި ތަންތަން" ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނޭ ހިނދު، އެފަދަ ކުންފުނިތައް އުފައްދާނެ، އުވާލާނެ، ރެގިއުލޭޓްކޮށް މޮނީޓާ ކުރެވޭނެ ގާނޫނެއް އޮތުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައިގަނޑު މަގްސަދަކީ އެފަދަ ކުންފުނިތަކަށް ކަނޑައަޅުއްވާފައިވާ މެންޑޭޓާ އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ދައުލަތަށް އިގްތިސާދީ ފައިދާ ހޯދައިދިނުން ކަމުގައިވީ ނަމަވެސް، ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ދޯދިޔާވުމުގެ ސަބަބުން ދައުލަތަކަށް އެފަދަ ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގްސަދު ހާސިލް ނުވާ ކަމަށް އެގަރާރުގައި ބުނެފައިވެއެވެ.
އަދި، އިގްތިސާދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރު ކުރާކަމާއި، ކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ އަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހާތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަކަށް ދިމާވާ ގޮންޖެހުމެއްކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް ހޯދައިދޭ ފިސްކަލް ރެވެނިއު ދަށްވަމުން އަންނަ ކަމަށާއި ކުންފުނީގެ މާލީ ގާބިލުކަމަށް ނުބަލާ އެކި ޕްރޮޖެކްޓްތައް ހިންގުމާއި އެނޫންވެސް ގޮތްގޮތުން ޚަރަދުކުރުމުގެ ސަބަބުން ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ ބައެއް ކުންފުނިތަކުގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ސަރުކާރުން އެ ކުންފުނިތަކާ ހަވާލުކުރާ ކަމަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މި ގަރާރުގައި ވެއެވެ.
މިއަދުގެ ޖަލްސާގައި ގަރާރު ތައާރަފްކޮށް ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.