16 Feb 2023, 09:31
އެމެރިކާގެ މަޝްހޫރު އެކްޓަރު މޭގަން ފޮކްސް, އޭނާ އެންގޭޖުވެގެން އުޅުން ލަވަކިޔުންތެރިޔާ އާއެކު ނަގާފައިވާ ފޮޓޯތައް ނެގުމަށްފަހު އިންސްޓަގްރާމް އެކައުންޓް ވެސް ޑިލީޓް ކޮށްލައިފިއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން އިންޓަނެޓާއި މީޑިއާތަކުން ފެނިފައިވާ ޖޯޑަކީ އެކްޓަރު މޭގަން އާއި ލަވަކިޔުންތެރިޔާ މެޝީން ގަން ކެލީއެވެ. ތަފާތު އެކި ރެޑް ކާޕެޓުން ފާޑުފާޑުގެ އައުޓްފިޓުގައި އެކީ ފެނިފައިވާއިރު ދެމީހުންގެ އާދަޔާ ހިލާފު ހައިރާން ކުރަނިވި ކަންތައްތައްތަކުގެ ސަބަބުން ދެމީހުން މީޑިއާ އާ ދުރުވާ ވަގުތެއް ނާދެއެވެ.
މި ޖޯޑު ދާދި ފަހުން ވެސް އެކީގައި ފެނިފައި ވަނިކޮށް ކުއްލިއަކަށް ފެނުނީ މޭގަންގެ އިންސްޓަގްރާމްގައި ދެމީހުން އެކީގައި ނަގާފައިވާ ހުރިހާ ފޮޓޯތަކެއް އޭނާ ޑިލީޓް ކޮށްލި ތަނެވެ. އެއަށްފަހު ދެމީހުން ރުޅިވެފައި އަދި މޭގަން އަށް މެޝީން ގަން ބޭވަފާތެރިވެފައިވާ ކަމަށް އިޝާރާތް ކުރާ މޭރުމުން އޭނާ ޕޯސްޓެއް އާންމުކުރިއެވެ.
އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް މޭގަން ވެސް އަދި މެޝީން ގަން ވެސް ދައްކާފައި ނުވާއިރު ފޭނުން މޭގަންގެ އެކައުންޓު ފަހުން ހޯދި އިރު އެ ފެންނާކަށް ނެތެވެ. މޭގަންގެ އެކައުންޓު ވަނީ ޑިލީޓް ކޮށްލާފައެވެ. މިއިން އެއްވެސް ކަމަކަށް އެއިން އެކަކުވެސް ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ.
މޭގަން ކައިވެނިކޮށްގެން އުޅުނު ބްރާޔަން އޯސްޓިން ގްރީން އާ އޭނާ 2021 ވަނަ އަހަރު ވަރިވިއިރު 2019 ގައި އެ ދެ މީހުން ވަނީ ވަކިވެފައެވެ. އެއާއެކު 2020 ވަނަ އަހަރުން ފެށިގެން މެޝީން ގަންއާއެކު އުޅޭކަން މޭގަން ވަނީ ހާމަކޮށްފައެވެ. އެއަށްފަހު ދެމީހުން އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ.