ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާއަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައިގައި ހާލީ ކުއިންގެ ރޯލުން މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ފަސްޓް ލުކް އާންމުކޮށްފިއެވެ.

ޖޯކާގެ ދެވަނަ ބައިގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އަދި އެ ފިލްމުގައި ވާކީން ފީނިކްސް، ޖޯކާގެ ރޯލުން އަލުން ފެންނާނެ ކަމަށް ވެސް ފިލިޕްސް ބުންޏެވެ.

ފިލްމުގެ ދެވަނަ ބަޔަށް ލޭޑީ ގާގާ ކާސްޓްކޮށްފައި ވަނީ "ހާލީ ކުއިން"ގެ ރޯލު ކުޅުމަށެވެ. ހާލީ ކުއިން އަކީ ޖޯކާގެ ލޯބިވެރިޔާ އެވެ.

"ފޮލީ އަ ޑޫ"ގެ ނަން ދީފައިވާ ޖޯކާގެ ސީކުއެލްއާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް ޓޮޑް އަންނަނީ އާންމުކުރަމުންނެވެ. ވަކި ގޮތެއް ނިންމާފައި ނުވިޔަސް، ކުރިއަށް އޮތް ފިލްމަކީ މިއުޒިކަލް ފިލްމަކަށް ވުން އެކަށީގެންވާ ކަމަށް ޓޮޑް އިޝާރާތްކޮށްފައިވެއެވެ.

ފިލްމުގައި ހާލީ ކުއިންގެ ރޯލުން ގާގާ ފެންނާނެ ގޮތް ވަނީ އެ ފަސްޓް ލުކް އިން އެނގިފައެވެ. އެގޮތުން އޭނާ ފެންނާނީ ބްލޮންޑް އިސްތަށިގަނޑަކާއެކުގައި ކަން ފަސްޓް ލުކް އިން ހާމަވެއެވެ.

ގާގާގެ އިތުރުން ފީނިކްސްގެ ފަސްޓް ލުކް ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އާންމުކޮށްފައެވެ.

އަލަށް ނެރޭ ޖޯކާގެ ފިލްމަކީ، 2019 ވަނަ އަހަރު ނެރުނު "ޖޯކާ" އަށް ވުރެ މުޅިން ތަފާތު ފިލްމެކެވެ. އެއާ އެކު، ފޭނުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ. އެއްބައި މީހުންނަށް އެ މިސްރާބު އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. ނަމަވެސް ގާގާގެ ފޭނުން ތިބީ އެ ރޯލުން އޭނާ ފެންނާތީ ކެތްމަދުވެފައެވެ.