14:30


ފުލުހުން ފޮނުއްވައިގެން ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮފީސް ހިސޯރުކުރެއްވުމަށްފަހު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ ކުއްލި ގޮތަކަށް މިއަދު ބައްދަލުކުރައްވައިފި އެވެ.


ޖުޑިޝަލް ޝާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮފީސް މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ހިސޯރުކުމާ ގުޅިގެން އެތަނުގެ އެއްވެސް މުވައްޒަފަކަށް އެ އޮފީސްތަކަށް ނުވަދެވި މަސައްކަތްތައް ހުއްޓިފައި ވަނިކޮށް، ރައީސް މުހައްމަދު ނަޝީދު ވަނީ ކުއްލި ގޮތަކަށް އެ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފަ އެވެ.


އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޒު މުޖުތާޒު ފަހުމީ މިއަދު ވިދާޅުވީ ރޭ އެމަނިކުފާނަށް ބަޔަކު ދިން ހަމަލާއަކާ ގުޅިގެން މިއަދު ހުންނެވީ ސަލާމުގައި ކަމަށާއި ނަމަވެސް ރައީސް ކުއްލި ގޮތަކަށް ބައްދަލުކުރައްވަން ބޭނުންފުޅުވެގެން ވިދާޅުވުމުން ރައީސް އޮފީހަށް ވަޑައިގެންނެވިއިރު އެކޮމިޝަނަށް ހައިކޯޓުން ކަނޑައަޅާފައި ހުންނަވާ މެންބަރު ފިޔަވައި އިތުރު މެންބަރުން ތިއްބެވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުން އެ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން އެމަނިކުފާނަށް މައުލޫމާތު އަރުއްވާފައި ވަނީ އޮޅުންއަރާ ފަދަ ގޮތަކަށް ކަމަށް ދޭހަވެފައިވާ ކަމަށްވެސް މުޖުތާޒު ވިދާޅުވި އެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތްތައް އެހާ ހާމަކަން ބޮޑު ނޫން ގޮތަކަށް ހިނގާ ކަމަށް ވިދާޅުވެ އެކަމާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މުޖުތާޒު އިތުރަށް ވިދާޅުވީ ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތް މިމަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކުރުމަކީ އެ ކޮމިޝަނަށް ޤާނޫނު އަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ދަނީ ޤާނޫނު އަސާސީން އެކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށާއި އެގޮތުން ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ވެސް ޤާނޫނާއި ގާވާއިދާ އެއްގޮތަކަށް ކަމަށްވެސް މުޖުތާޒު ވިދާޅުވި އެވެ. އަދި އެމަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މިންގަނޑަކީ ނުވަތަ އޫސޫލަކީ ވެސް އެކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެން އެއަށް އަމަލްކުރަމުން އަންނަ މިންގަނޑެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިއްޔެ އެކޮމިޝަންގައި ބޭއްވި ބައްދަލުވުމަކީ ވެސް އެބައްދަލުވުމާ ބެހޭ އެޖެންޑާ މެންބަރުންނަށް ކުރިއާލައި ފޮނުވައިގެން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް މުޖުތާޒު ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.