15 Feb 2023, 10:49
ހުޅުމާލޭގައި މިއަދު ހުޅުވިގެން ދިޔަ 'އުމަރު ޒާހިރު އޮފީސް' އިމާރާތާއެކު ސަރުކާރުން ކުއްޔަށް ކުރަން ޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ސަރުކާރު އޮފީސްތަކަށް ހުޅުމާލޭގައި އިމާރާތެއް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ. ތިން މިނިސްޓްރީއެއް އެއްކޮށް ބަދަލުކުރަން ނިންމާފައިވާ އެ އިމާރާތް މިއަދު ހުޅުއްވައިދެއްވީ ރައީސް ޞާލިހެވެ.
މި އިމާރާތުގެ ނަން ނިސްބަތް ވަނީ، މަރްޚޫމް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު، ނަންފުޅަށެވެ.
އެގޮތުން، ޖެންޑާ މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަން ބަދަލުކުރަން ވަނީ ނިންމައިފައެވެ.
މިއަދު ހެނދުނު އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ދޭ ޚިދުމަތްތައް ފުޅާ ވެގެން ދިޔައިރު އެ އޮފީސްތައް ހިންގުމަށް ބޭނުންވާ އިމާރާތްތައް ހެދުމަށް ކުރީގެ ސަރުކާރުތަކުން އިސްކަން ދީފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް އޮފީސް އިމާރާތްތަކުގެ ކުއްޔަށް ހޭދަކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

'އުމަރު ޒާހިރު އޮފީސް އިމާރާތް' ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
"ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި. އެ ކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ވަނީ ޖެހިފައި." ރައީސް ވިދާޅުވިއެވެ.
ސަރުކާރު އޮފީސް އިމާރާތެއް އެންމެ ފަހުން އިމާރާތް ކޮށްފައިވަނީ 2006ވަނަ އަހަރެވެ. އެ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އޭގެ ފަހުން ސަރުކާރުގެ ޚިދުމަތްތައް ފުޅާވެ، ކުރަން ޖެހޭ މަސައްކަތްތައް ގިނަ ވެގެން ދިޔައިރު ވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް މިއަދާ ހިސާބަށް އައި އިރުވެސް ހޯދިފައި ނެތް ކަމަށެވެ.
"މި އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ މި ދެންނެވި ދަތިތަކަށް ހައްލެއް ހޯދުން. އަޅުގަނޑަށް އެނގޭ އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާ ކަން، އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާ ކުރުމުގެ ޕްލޭން." އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ހުޅުވުނު، 'އުމަރު ޒާހިރު އޮފީސް' އިމާރާތަށް ސަރުކާރުގެ ތިން މިނިސްޓްރީއެއް ބަދަލުވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރާ ހޭދައިން ބޮޑު ބައެއް ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.

'އުމަރު ޒާހިރު އޮފީސް އިމާރާތް' ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ އެ އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ކަމަށެވެ. އެހެންވެ، މާލޭގެ ހަލަބޮލިކަމުން ނެއްޓި، ހިތްފަސޭހަ މާހައުލެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތް، އިމާރާތްކުރުމަށް ހަވާލުކުރީ 2019ވަނަ އަހަރު ޗައިނާގެ ހުނާން އިންޖީނިއަރިންއާއެވެ.
އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި 25،000 އަކަ ފޫޓު ހުންނައިރު، މި އިމާރާތާއެކު ސަރުކާރު އޮފީސްތައް ހިންގަން ކުލި ދައްކަން ޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.