ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރަމުން ނުދާ ކަމަށާއި، މީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވަމުން ދާ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް 48 މެމްބަރުން ހާޒިރުވެފައިވާއިރު އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 18 މެމްބަރުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ގެއްލިފައިވާ އއ. މަތިވެރި، ރިވެލި ހަސަން އަލީ އާއި މި މަހުގެ ހަތަރު ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ ގަސްކަރަ މުހައްމަދު އާސިރާ ބެހޭ އެއްވެސް ޚަބަރެއް އަދި ނުވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި އާސިރު އެންމެ ފަހުން ފެނުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ޑިޕާޓުމަންޓްތަކުގެ ސީސީޓީވީ ފުޓޭޖްތައް މިހާތަނަށް ހޯދިފައިނުވާކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

މައްސަލައިގައި ބުނެފައިވަނީ ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އޭނާ ހޯދުމަށް ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، މިފަދަ ސީރިއަސް މައްސަލަތައް ތަހުގީގުކުރުމުގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބެން ހުރި ހުރިހާ ވަސީލަތާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާފައި ނުވާ ކަމަށެވެ.

މީގެއިތުރުން، ނިޒާމީގޮތުން ލިބެން ހުންނަ ހެއްކާ ގަރީނާ ހޯދުމުގައި ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަން ގަބޫލުކުރާ ކަމަށް ވެސް އެމައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން އާސިރު އާއި، ހަސަން އަލީ އާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެފަދަ ހުރިހާ މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބޭހެން ދެފުށް ފެންނަ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މިފަހަކަށް އައިސް ވީނުވީއެއް ނޭނގި ގެއްލޭ ދިވެހިންގެ އަދަދު އިތުރުވެފައިވާއިރު، އެމީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްބުނެ އެމީހުންގެ އާއިލާތަކުންނާއި އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.