ހުޅުމާލޭގައި ހެދި ސަރުކާރު އޮފީސް އިމާރާތް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ.

ސަރުކާރު އޮފީސްތަކަށް ހުޅުމާލޭގައި އިމާރާތެއް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ.

އަލްމަރްހޫމް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ނަންފުޅުން ނަންދީފައިވާ އެ އޮފީސް އިމާރާތަށް ތިން މިނިސްޓްރީއެއް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެގޮތުން، ޖެންޑާ މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަން ބަދަލުކުރަން ވަނީ ނިންމައިފައެވެ. މިހާތަނަށް، ޖެންޑާ މިނިސްޓްރީ ވަނީ އެ އިމާރާތަށް ބަދަލުކޮށްފައެވެ.

ޖެންޑާ މިނިސްޓްރީ ކުރިން ހިންގަމުން އައީ، ގ. ބިއްލޫރި ޖެހިގެއާއި ސީޓްރެކް ބިލްޑިންގައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގަމުން އައީ ފެން ބިލްޑިންގައެވެ. އަދި، ޓްރާންސްޕޯޓު މިނިސްޓްރީ ހިންގަމުން އައީ ސްޓާ ސިނަމާ ބިލްޑިންގައެވެ.

ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތް، އިމާރާތްކުރުމަށް ހަވާލުކުރީ 2019ވަނަ އަހަރު ޗައިނާގެ ހުނާން އިންޖީނިއަރިންއާއެވެ.

އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި 25،000 އަކަ ފޫޓު ހުންނައިރު، މި އިމާރާތާއެކު ސަރުކާރު އޮފީސްތައް ހިންގަން ކުލި ދައްކަން ޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.

ތިން މިނިސްޓްރީއެއް ހުޅުމާލެއަށް ބަދަލު ކުރި ނަމަވެސް އަދިވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަނީ ކުއްޔަށް އިމާރާތްތައް ނަގައިގެންނެވެ.