15 Feb 2023, 09:48
ޑައިރެކްޓަރު އަތުލީގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ލީޑް ރޯލްއިން އެކްޓަރު ޝާހްރުކް ޚާން ފެންނައިރު ޝާހުއާއެކު ތެލުގޫ އެކްޓަރު އައްލޫ އަރުޖުން ފެނުމުގެ ފުރުޞަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު ތަމަޅަ ފިލްމުތައް ގެނެސްދީފައިވާ އަތުލީގެ "ޖަވާން"ގައި އައްލޫ އަރުޖުން ކުޅޭނީ ކުޑަ ރޯލެއް ނަމަވެސް މިއީ ފިލްމަށް ވަރަށް މުހިންމު ރޯލެއްކަމަށް ރިޕޯޓުތައް ބުނެއެވެ. އެކްޓަރު އައްލޫ އަރުޖުން އިތުރު ފިލްމަކުން ފެންނާނެކަމުގެ ޚަބަރުތައް ތިލަވެފައި މިވަނީ އޭނާގެ ކާމިޔާބު ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައިގެ މަސައްކަތް ވެސް ފަށާފައިވަނިކޮށެވެ.
ޝާހްރުކް ޚާންގެ އިތުރުން ތަމަޅަ ފިލްމުތަކުން މަޤުބޫލުކަން ހޯދާފައިވާ ބަތަލާ ނަޔަންތާރާ މުހިއްމު ރޯލްކުޅޭ މި ފިލްމުން ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީވެސް ފެންނާނެއެވެ.
"ޖަވާން" ވާނީ އައްލޫ އަރުޖުން ބޮލީވުޑަށް ތަޢާރަފްވާ ފިލްމަށްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ މުހިންމު ރޯލެއް އައްލޫ އަރުޖުންއަށް ހުށަހަޅާފައިވާކަމަށާއި ފިލްމުގައި ކުޅެން ހުށަހެޅި ރޯލާމެދު ދެ ފަރާތުންވެސް މަޝްވަރާކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަމަޅަ ގިނަ ތަރިންތަކެއް ފިލްމުގައި ހިމެނޭއިރު ޑައިރެކްޓަރު އަތުލީ އުއްމީދު ކުރަނީ ފިލްމަށް އައްލޫ އަރުޖުން އެއްބަސްވާނެކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން އެކްޓަރަށް ހުށަހެޅި ބަޔަށް ބޭނުންވަނީ މިހާތަނަށް ޝާހްރުކްއާއެކު ސްކްރީން ހިއްސާކޮށްފައިނުވާ އޭ-ލިސްޓު ތަރިއެކެވެ.
މީގެކުރިން މިބައި ތަމަޅަ އެކްޓަރު ތަލާޕަތީ ވިޖޭއަށް ހުށަހެޅިކަމުގެ ޚަބަރުތަކެއްވެސް ފެތުރުނެވެ. މިޚަބަރުތައް ފެންމަތިވީ ޝާހްރުކް ފެނިގެންދިޔަ ފިލްމު "ޗެންނާއީ އެކްސްޕްރެސް" ޝޫޓިންގް ކުރިޔަށް ދިޔަ ދުވަސްވަރު ވިޖޭއާއެކު ވަގުތު ހޭދަކޮށްފައިވާ ކަމަށް ބުނެކުރި ޓްވީޓަކާ ގުޅިގެންނެވެ. ނަމަވެސް ފަހުން ވިޖޭވަނީ މި ޚަބަރުތަކަށް އިންކާރުކޮށްފައެވެ.
ބޮލީވުޑްއާއި ސައުތު ސިނަމާގެ ތަރިންތަކެއް މަސްހުނިކޮށްގެން އުފައްދާ ފިލްމު "ޖަވާން"އަކީ ވަރުގަދަ އެކްޝަން ފިލްމެކެވެ. ފިލްމުގެ ޓީޒާއެއް ރިލީޒްކޮށްފައިވާއިރު ޝާހްރުކް ފިލްމުގައި ފެންނާނެ ގޮތުގެ ޕޯސްޓަރެއް ވެސް ވަނީ އާންމުކޮށްފައެވެ.
ޝާހްރުކް ޚާންއާއި އަންހެނުން ގޯރީ ޚާން ހިއްސާވާ ފިލްމު ކުންފުނި ރެޑް ޗިލީޒްގެ މިފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ފެޝަން ޑިޒައިނަރެއް ކަމަށްވާ ގޯރީއެވެ. މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ. ފިލްމު "ޕަތާން"އަށްފަހު މިފިލްމު ވާނީ މިއަހަރު ރިލީޒްކުރާ ޝާހުގެ ދެވަނަ ފިލްމަށެވެ.