ހއ. ތަކަންދޫގައި ހުންނަ އުތީމު އަލިފަތަކުރުފާނުގެ ޒިޔާރަތުގެ ހާލަތު ބަލަން ދިޔަ ހެރިޓޭޖް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެމްޑީޕީ އަށް ތާއީދުކުރާ އެ ރަށު ބަޔަކު ހުރަސް އަޅައިފި އެވެ.


ހެރިޓޭޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އަލިތަކުރުފާނުގެ ޒިޔާރަތުގެ ހާލަތު ބަލާލަން މިދިޔަ ހޮނިހިރު ދުވަހު އެޑިޕާޓްމަންޓްގެ މުވައްޒަފުން ތަކަންދު އަށް ދިޔައީ ބޮޑުތަކުރުފާނާ ގުޅުން ހުރި އެންމެހައި ތަންތަނަށް ކުރާ ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ތަކަންދުއަށް ދިއުމުގެ ކުރިންއެ ރަށު ކައުންސިލަށް އެކަން އެންގި ކަމަށާއި އެއްބާރުލުން ނުދޭނެ ވާހަކަ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

"ކައުންސިލުން ބުނެފައި އޮތީ އަޅުގަނޑުމެންނަށް އެއްބާރުލުމެއް ނުދޭނަމޭ، އެކަމަކު އަޅުގަނޑުމެން ހިއެއް ނުކުރަން އޭގެ މާނައަކީ އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އެޅުން ކަމަކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް ތަކަންދުއަށް ފޭބުމާ އެކު އެރަށުގައި ތިބި އެމްޑީޕީ އަށް ތާއީދުކުރާ މީހުން މެގަފޯނެއް ހިފައިގެން އައިސް ހެރިޓޭޖް ޑިޕާޓްމަންޓްގެ ޓީމުގެ ފަހަތުން ހަޅޭއް ލަވަމުން ހިނގި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަލިތަކުރުފާނުގެ ޒިޔާރަތަށް ވަންނަން އުޅުމުން އެކަމަށް ހުރަސް އެޅުމުގެ ސަބަބުން އެތަން ބެލޭ ގޮތް ނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސްޓޭޓް މިނިސްޓަރެއް ފިޔަވައި އެ ދަތުރުގައި ސިޔާސީ އެއްވެސް ފަރާތެއް ބައިވެރި ނުވާ ކަމަށާއި އެދަތުރުގައި ދިޔައީ އެޑިޕާޓްމަންޓްގެ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.

"ލޯންޗް ހަމަ ކައިރި ކޮށްލާފައި ފޭބޭވަރު ވީ، ފޭބިތަނާ އެންމެން އައިސް ވަށާލައި ހަޅޭއް ލަންވަން ފެށީ. ދެން އަޅުގަނޑުމެންގެ ޑެޕިއުޓީ މިނިސްޓަރު ]ހުސައިން ލިރާރު[ ސިޔާސީ ބޭފުޅަކަށް މިހުންނެވީ، ދެން މިތިބީ ހަމަ ކޮންމެ ސަރުކާރެއް އޮތަސް އެމީހުންގެ މަސައްކަތްކަތުގައި ދެމި ތިބި ސިވިލް ސާވިސް މުވައްޒަފުން. ދެން އަޅުގަނޑުމެން މަޑުމަޑުން ހިނގާލާފައި ދިޔައީ ޒިޔާރަތާ ދިމާއަށް، ދެން އެހެން ނަމަވެސް ޒިޔާރަތަށް ނުވަދެވޭ ގޮތަށް އެބޭފުޅުން ޒިޔާރަތުގެ ދޮރުމަތީ ތިއްބެވީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެރިޓޭޖް ޑިޕާޓްމަންޓްގެ ޓީމަށް ހުރަސްއެޅުމުގައި ތަކަންދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވެސް ބައިވެރިވަޑައިގެންނެވި ކަމަށެވެ.

ތަންކަންދޫ ކައުންސިލްގެ ފަސް މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ ސޯދިގު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ނުކުރެވެނީސް މިހާރު އޮތް ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ އެ ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ހެރިޓޭޖް ޑިޕާޓްމަންޓުން ފޮނުއްވި މެސެޖްގައި އޮތީ ޑެޕިއުޓީ މިނިސްޓަރު ވަޑައިގަންނަވާނެ ވާހަކަ ކަމަށާއި އެއްބާރުލުން ނުދޭނެ ވާހަ އެންގީ އެހެންވެ ކަމަށެވެ. އަދި ވިދާޅުވީ ހެރިޓޭޖް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް މަރުހަބާ ކިޔާނެ ވާހަކަ އަންގަވާފައި ވާނެ ކަމަށެވެ.

"މިނިސްޓަރުގެ ނައިބު ވަޑައިގަތީމާ، މިނިސްޓަރުގެ ނައިބަށް މަރުހަބާ ނުކިޔާ، އެގޮތަށް ހުރަސް އެޅި އެޅުމެއް އެއީ، ކައުންސިލުން ކުރި ކަމެއް ނޫން. އެއީ ހަމަ މިރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ކުރިމަ ކަމެއް،" ސޯދިގު ވިދާޅުވި އެވެ.