15 Feb 2023, 09:26
ވަރަށް ގިނަ ޤައުމުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ސްވިޑްންގެ ކްރައިމް ޓީވީ ސީރީސް "ދަ ބްރިޖް"ގެ ހިންދީ ސީރީސްގެ ލީޑް ރޯލްއަށް އެކްޓަރު ސައިފް ޢަލީ ޚާން ހަމަޖެހިއްޖެއެވެ.
ހިންދީ ސީރީސް އުފެއްދުމަށް ނިންމާފައި ވަނީ އެންޑެމޮލް ޝައިން އިންޑިއާގެ ގޮތްޕާއި އެކްޓަރު ސައިފް ޢަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްއިންނެވެ. މި ސީރީސްގެ ލީޑް ރޯލް ސައިފް ކުޅޭއިރު ސީރީސް ޕްރޮޑިއުސްކުރުމުގެ މަސައްކަތްވެސް އޭނާ ކުރާނެއެވެ.
"ދަ ބްރިޖް"ގެ ކޮންސެޕްޓަކީ ބައިނަލްއަޤްވާމީ އޯޑިއަންސްއަށް ވަރަށް ކަމުދާނެ ކޮންސެޕްޓަކަށް އުފައްދާފައިވާ ސީރީސްއެކެވެ. ޚާއްޞަކޮށް ބޯޑަރުތަކުން ވަކިކުރެވިފައިވާ ޤައުމުތަކުގެ މާހައުލާ ގުޅުންހުރި މަންޒަރުތަކެއް މިސީރީސްއިން ފެނެއެވެ.
ސްވިޑްންގެ ސްވެރިގްސް ޓެލެވިޒަން އާއި ޑެންމާކްސް ރޭޑިއޯ ގުޅިގެން އުފައްދާފައިވާ މި ސީރީސްގެ ހަތަރު ސީޒަނެއް މިހާތަނަށް އުފައްދާފައިވެއެވެ. އަދި މިހާތަނަށް 38 އެޕިސޯޑް ވަނީ އޮންއެއާކޮށްފައެވެ.
"ދަ ބްރިޖް"ގެ ހިންދީ ސީރީސް ގެނެސްދޭނީ މީގެ އަސްލު ނުގެއްލޭ ގޮތަށް ގްލޯބަލް ސްޓޯރީއެއް ގޮތަށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. ޚާއްޞަކޮށް އިންޑިއާގެ ފިލްމުތައް ކަމުދާ އޯޑިއަންސްއާއި ގުޅޭގޮތަށް މިސީރީސް އުފެއްދުމުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް އެންޑެމޮލް ޝައިން އިންޑިއާ ގޮފީގެ ސީއީއޯ ރިޝީ ނެގީވަނީ ބުނެފައެވެ.
މި ސީރީސް އުފެއްދުމާ ބެހޭ ގޮތުން ސައިފް ޢަލީ ޚާން ބުނެފައިވަނީ، އެކްޓަރެއްގެ ހައިސިއްޔަތުން ވެސް އަދި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ވެސް މިފަދަ ފުރުސަތުތަކަކީ އަބަދުވެސް އިންތިޒާރުކުރެވޭ ފުރުސަތުތަކެއްކަމުގައެވެ. ސައިފްގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްއިން މިސީރީސް އުފެއްދުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޕްރޮޑަކްޝަން ޓީމަށް ދޭނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި ސީރީސްގެ މަސައްކަތް ފަށާނެ ތާރީޚެއް އަދި އިޢުލާނު ނުކުރެއެވެ. ސައިފް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ވިކްރަމް ވެދާ"އިންނެވެ. ތަމަޅަ ރިމޭކްއެއްކަމަށްވާ މި ފިލްމުން ސައިފް ފެނުނީ އެކްޓަރު ރިތިކް ރޯޝަންއާއެކުއެވެ. ސައިފް މިވަގުތު މަސައްކަތްކުރަމުން ދަނީ ބަތަލާ ކްރިތީ ސެނޮންއާއި އެކްޓަރު ޕްރަބާސް މުހިއްމު ރޯލްއިން ފެންނަ ފިލްމު "އަދިޕުރުޝް"ގައެވެ.