14 Feb 2023, 22:38
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން މިރޭ ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
މިކަމާއި ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، އެކުންފުނިން އަމާޒު ހިފާފައިވަނީ، މިހާތަނަށް މަސައްކަތް ނިންމާފައިވާ ތިން ސެގްމަންޓުގައި މިރެއިންމިރެއަށް ތާރު އަޅާ ނިންމުމެވެ.
އަމީނީމަގު މިހާރު ހަދަން ފަށާފައިވާ ސަރަހައްދުގައި ތާރުއެޅުން ލަސްވާ މައްސަލައަކީ އާއްމު ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ސަބަބަކީ އެ ސަރަހައްދުގައި ސްކޫލާއި ޕާކުގެ އިތުރުންވެސް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑަށް ބޭނުންކުރާ މަގަކަށް ވާތީއެވެ.

އަމީނީމަގުގައި ތާރުއަޅަނީ--- ސަން ފޮޓޯ
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރަން ނިންމީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ. އެ މަސައްކަތް މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން އުޅުނު އަގަށްވުރެ ދެގުނަ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން 1.7 ކިލޯމީޓަރުގެ ދިގު އަމީނީމަގުގައި ތާރު އެޅުމަށާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.