ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމަށް، ސ. ހިތަދޫ، ނަންރީތިގޭ، މުޙައްމަދު ޙިސާން އަލީ ފަހުމީ (ހިސްކޮ) އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަގާމަށް ހިސާން އައްޔަނު ކުރައްވާފައިވާއިރު އޭނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީގެ މަގާމުގައެވެ.

ހިސާން ކޮމިއުނިކޭޝަންސް ސެކްރެޓެރީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އަންޑާ ސެކްރެޓެރީގެ މަގާމުން ވަކި ކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މަގާމުގައި އެންމެ ފަހުން ހުންނެވި އިބްރާހިމް ހޫދު އެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ވެރިޔަކަށް ބަދަލު ކުރެއްވުމާ ގުޅިގެން އެތަން ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ ހިސާންއެވެ.

މި ސަރުކާރު އައިންސުރެން ރައީސް އޮފީހުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހިސާންއަކީ މެލޭޝިއާގެ ސަންވޭ ކޮލެޖުން އިންޓަނޭޝަނަލް ޓްރޭޑް އެންޑް މާކެޓިން ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޙަސަން އިސްމާއީލް އިސްތިއުފާ ދެއްވުމުން އެ ޒިންމާ ވަގުތީ ގޮތުން ހަވާލުކުރެއްވީ ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހީމް ހޫދުއާއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ކޮމިއުނިކޭޝަން ސެކްރެޓަރީގެ ޒިންމާއަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަނާ ގުޅޭ އެންމެހައި މަސައްކަތްތައް ބެލުމާއި ވިލަރެސް ކުރުމެވެ.