15 Feb 2023, 10:16
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ބޭނުންވާ މީހުންނަށް އެމް ފައިސާ މެދުވެރިކޮށް މިހާރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އެކަމާ ގުޅިގެން އުރީދޫއިން ބުނީ އުރީދޫ އެޕް ޑައުންލޯޑް ކޮށްގެން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް، އެމް ފައިސާ މެދުވެރިކޮށް އެހީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ ފައިސާ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މޯލްޑިވްސް މެދުވެރިކޮށް ތުރުކީއާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ފޮނުވާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އެ ފައިސާ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މޯލްޑިވްސް މެދުވެރިކޮށް ތުރުކީއާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް އުރީދޫއިން ބުނޭ--- ފޮޓޯ/ އުރީދޫ
އުރީދޫ އެޕް މެދުވެރިކޮށް އެމް ފައިސާއަށް ލޮގިން ވުމަށްފަހު ސްމާޓް ޕޭ އެންޑް ސްކޭން ކިއުއާރް ކޯޑް ސިލެކްޓް ކުރުމުން ނުވަތަ އެމް ފައިސާ އެކައުންޓް ނަންބަރު، 9306501 ޖެހުމުން ފައިސާ ދެއްކޭނެއެވެ.
މި މަހުގެ ހަޔެއްގައި ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.
ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 04:17 ގައެވެ. ތުރުކީއާއި ސީރިއާއިން މިހާރު އަންނަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އެ ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.
ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41،000 ހުރަސްކޮށްފައެވެ.