ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައިވާ އިޝާން މުޙައްމަދު (ބަޓިޝް) އާއި ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އަޙުމަދު ޢަލީ (ކޮނިކާ) އަދި މަޝްހޫރު ސެޓަރު އަޙުމަދު ރަނޭޝް ދިވެހި ސިފައިންގެ ކުލަބާއި ގުޅިއްޖެއެވެ.

ސިފައިންގެ ކުލަބާ އަލަށް ގުޅުނު މިތިން ކުޅުންތެރިން ނާއެކު، މިއަހަރުގެ ވޮލީ ސީޒަންގައި ސިފައިންގެ ޓީމަށް ކުޅޭ ކުޅުންތެރިން ތަޢާރަފްކޮށް، އެކުލަބުގެ ކޯޗާއިއެކު ރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެގޮތުން ޓްރޭޑާސް ހޮޓެލްގައި ރޭ ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ދިވެހި ސިފައިންގެ ކުލަބުގެ ވޮލީ ޓީމަށް މިހާރު ކުޅެމުންދާ ކުޅުންތެރިންގެ އިތުރުން، އަލަށް ގުޅުނު ތިން ކުޅުންތެރިން ތަޢާރަފްކޮށް، ސްކޮޑް ވެސް ރޭ ވަނީ އިޢުލާނުކޮށްފައިވެ އެވެ.

ރޭގެ ރަސްމިއްޔާތުގައި، ވޭތިވެދިޔަ ތިން އަހަރު ދިވެހި ސިފައިންގެ ކުލަބުގެ ވޮލީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗު، އިބްރާހިމް ރަޝީދު (ސަތޯ) ޑީއެސްސީގައި މަޑުކޮށް، އެކުލަބާއެކު ވަނީ އެއްބަސްވުން އާކޮށްފަ އެވެ.

ސިފައިންގެ ކުލަބުގެ ވޮލީ ޓީމުގެ ކުޅުންތެރިން ތަޢާރަފްކޮށް، ކޯޗާއިއެކު ސޮއިކުރުމުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި، އައިލެންޑް ބްރޮޑްކާސްޓިންގ ކޮމްޕެނީއާއެކު ޑީއެސްސީގެ ފަރާތުން ޕެއިންޓްބޯލް ގަން ރާއްޖެއަށް ތަޢާރަފްކޮށް އެކުޅިވަރު އާލާކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން އައިލެންޑް ބްރޮޑްކާސްޓިންގ ކޮމްޕެނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮމްޕެނީގެ އެގްޒެކްޓިވް ޗެއާމަން އަމީން އިބްރާހިމްއެވެ. އަދި ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުލަބުގެ ރައީސް ކާނަލް މުހައްމަދު ޒިޔާދު އެވެ.

ރޭގެ ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ ކުލަބުގެ ވޮލީ ޓީމު ހޯދާފައިވާ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނެވެ. އަދި ޕެއިންޓްބޯލް ގަންއާއިބެހޭ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލާފައެވެ.

ރޭގެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެލެއްވިއެވެ.