14 Feb 2023, 18:19
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގެ ބައެއް ހަމަޖެހިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ސަން"އަށް މިއަދު ވިދާޅުވީ މި މަހުގެ ނިޔަލަށް ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
"[އިންތިހާބުގެ] މައި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސާ އަޑުގެ އިމާރާތް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަޖައްސައި ދޭނެ ކަމަށް ޕީއެސްއެމުން އަޅުގަނޑުމެންނަށް ސިޓީއަކުން އެބައޮތް އަންގާފަ،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މި މަހުގެ ނިޔަލަށް އަޑުގެ އިމާރާތް ހަމަޖެހޭނެކަމުގެ ޔަގީން ރައީސް އޮފީހުން ވެސް އެ ކޮމިޝަނަށް ދީފައިވާ ކަމަށެވެ.
އިންތިޚާބުތަކުގައި މައި މަރުކަޒެއްގެ ގޮތުގައި މީގެ ކުރީގައި ބޭނުންކުރަމުން އައީ ބައު ޖަމާލުއްދީން އިމާރާތެވެ. އެކަމަކު އެތަނުގައި އަރަބިއްޔާ ސުކޫލް އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުން ދާތީ އިންތިޚާބީ މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ދީފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ބައެކެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހޭނީ އެ އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުން ޓްރެއިން ކުރުން ފަދަ ކަންކަމަށް ކަމަށެވެ. އޭގެ އިތުރުން އިންތިޚާބާ ގުޅޭ އިދާރީ ކަންކަމާއި ވޯޓު ކަރުދާސް ޗާޕު ކުރުމަށް ވެސް ބޮޑެތި ޚަރަދު ހިނގާނެ ކަންކަމަށް އީސީން ބުނެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް 90 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވާއިރު އެ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓް ލުން އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.