ކުޑަކުއްޖަކު ދުވާރުމަތީގައި މަޑުކޮށްލައިގެން ހުރީ އޭނާގެ ބައްޕަ ސައިކަލު ޕާކު ކުރަންދެކަށެވެ. ހަތަރު އަހަރުގެ އެ އަންހެން ކުއްޖާ މަޑުކޮށްލައިގެން ހުރި ވަގުތު ދުވާރުމަތިން ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ނުވީ ހަމަ ކިރިޔާއެވެ.

ބޮޑު އެކްސިޑެންޓަކުން އެ ކުއްޖާ ސަލާމަތްވީ އެ ސައިކަލު ދުއްވަން އިން މީހާ އޭނާގެ ސައިކަލު އަރިކޮށްލުމުންނެވެ. އެހެން ނޫން ނަމަ، ބާރު ސްޕީޑުގައި ދުއްވާފައި އަައި ސައިކަލުން އެ ކުއްޖާ ގައިގައި ޖެހި ވިއްސައިގެން ދާނެއެވެ.

އެކަމުގެ ސަބަބުން އެ ކުއްޖާ ގެންފައި ހުރި ބިރު، އެ ކުއްޖާގެ މޫނުމަތިން ސާފުކޮށް އެނގެން ހުއްޓެވެ. މިކަމުގެ ސަބަބުން އެ ކުއްޖާއަށް ނަފުސާނީ ގޮތުން ކުރާނެ އަސަރު ތަސަައްވަރު ކޮށްލަން ވެސް ދައްޗެވެ.

މިއީ ގާކޮށި ފްލެޓް ސަރަހައްދުން ބުރުޒުމަގުގައި އޮންނަ ފުޅާ ދުވާރުމަތީގައި އިއްޔެ ހިނގި އެ ހާދިސާ ދުއް މީހަކު "ސަން"އާ ހިއްސާކުރި ވާހަކަތަކެކެވެ.

މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގިއިރު ބާރު ސްޕީޑުގައި ދުވާރުމަތިން ދުއްވާފައި އައި ސައިކަލުގައި އިން މީހާ އެ ވަގުތު އޭނާގެ ކުށް ގަބޫލެއް ނުކުރިއެވެ.

"ކުޑަ ކުއްޖަކު އެކަނި ދުވާރުމައްޗަށް ދޫކޮށްލާފައި ބެހެއްޓީ ކީއްވެ، މިއީ އޭނަ އެ ކުއްޖާގެ ބައްޕައާ ދިމާލަށް ބުނި ގޮތް" އެ މަންޒަރު ދުއް މީހާ ބުންޏެވެ.

ހަމައެއާ އެކު، އޭނާ އެގޮތަށް ދުއްވާފައި އައީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ ސައިކަލު ދުވާރު މަތިން ނޫން ގޮތަކަށް މަގުމައްޗަށް ނުނެރެވޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ދުވާރުމައްޗަކީ ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ތަނެއް ނަމަވެސް ދުވާރުމަތީގައި ވެހިކަލްތައް ދުއްވުމަކީ މިހާރު އާއްމުކަމެކެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރަނީ އޭރަކު އެ ހާދިސާއަަކާ ކުރިމަތިލާން ޖެހޭ މީހާ އެކަންޏެވެ.

މިފަދަ ކަމެއްގެ ސަބަބުން ބޮޑު އަދި ނުރައްކާތެރި ހާދިސާއެއް ނުހިނގަނީސް އިދާރާތަކުން ފިޔަވަޅު އަޅަން ޖެހެއެވެ.