ހަށިވިއްކަމުން ދިޔަ ބަންގާޅު އަންހެނުންތަކަކާ އަދި އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ބަންގާޅު ފިރިހެނުންތަކެއް ފަޅާއަރުވާލާ، ހައްޔަރުކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި، މއ. ރަންފައުނުގެ އިން ހައްޔަރު ކުރީ ހަތަރު އަންހެނުންނާއި ތިން ފިރިހިހެނުން ކަމަށެވެ. އެ އެންމެންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝް މީހުން ކަމަށް ފުލުހުން ބުންޏެވެ.

ދާއޫދު ވިދާޅުވީ ހައްޔަރުކުރި ތިން ފިރިހެނުންގެ ތެރެއިން އެކަކީ ކިޑްނެޕް މައްސަލައެއްގައި ކުރިން ފުލުހުން ހައްޔަރުކޮށް ތަހުގީގު ނިންމުމަށް ފަހު ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދެބުރިއަށް ނަގާފައި ހުރިއެގޭގައި އެ އަމަލު ހިންގާކަން ކަށަވަރު ކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަންނަން ދިޔައިރު ހުރިހާ ދޮރެއް ވެސް ހުރީ ތަޅުލާފައި ކަމަށެވެ. އަދި މީހުން ދިރިއުޅެވޭ ގޮތަށް ހަދާފައި ހުރި އެގޭގައި ރިސެޕްޝަނެއް ބަހައްޓާފައި ހުރި އިރު، ބެލްއެއް ވެސް ސިޑި މަތީގައި ބާއްވާފައި އޮތް ކަމަށް ދާއޫދު ވިދާޅުވި އެވެ.

"ބެލެވޭ ގޮތުގައި ބެލް އަކީ މިމީހުން މިއަމަލު ހިންގަމުންދާ އިރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި އެތެރޭގައި ތިބި މީހުންނަށް އިޝާރާތް ކުރުމުގެ ގޮތުން ބާއްވާފައި އޮތް ބެލްއެއްކަން ފާހަގަކޮށްލަން،" ދާއޫދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރިސެޕްޝަނުގެ ވަތްގަނޑު ބަލައިފާސްކުރި އިރު، ބޭނުންނުކޮށް ހުރި ގިނަ އަދަދެއްގެ ކޮންޑަމް ފެނިފައިވާ ކަމަށެވެ. އަދި އެގޭގެ ކޮޓަރިތައް ޗެކްކުރި އިރު ބޭނުންކޮށްފައި ހުރި ކޮންޑަމާއި ބޭނުން ނުކުރާ ކޮންޑަމްގެ އިތުރުން ދޭތެރެ ދުރުކުރަންކާ ގިނަ އަދަދެއްގެ ބޭސް ފެނިފައިވާ ކަމަށެވެ.

ދާއޫދު ވިދާޅުވީ ކޮންމެ ބައެއްގައި ތިން ކޮޓަރި ހުރި އިރު ތިރީ ބުރީގައި ހުރި ދެ ކޮޓަރިއަކުން ދެ އަންހެނުން ފެނިފައިވާ އިރު، މަތީބުރީގައި ހުރި ކޮޓަރިއެއްގެ ތެރެއިން ދެ އަންހެނަކާއި ފިރިހެނަކު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން ވަނުމުން އެތަނުން އަންހެނަކު، އެކޮޓަރީގައި ހުރި ގޮޅިއަކުން ނުކުމެ ޖެހިގެން ހުރިގޭ ފުރާޅުމައްޗަށް އަރައިގެން ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަދި ހަމަ އެ ބުރީގައި ހުރި ކޮޓަރިއަކުން އެއްޖިންސުން ގުޅުންހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ ފިރިހެނަކު ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ އެކަމުގެ އަޑީގައި އިތުރުބަޔަކުވާ ކަމަށް ތުހުމަތު ކުރެވޭތީ އެމީހުން ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލައިގެ ދިވެހިންތަކެއް ހިމެނޭ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރެއް ނުކޮށްދެ އެވެ.