ވޮޝިންޓަން (14 ފެބްރުއަރީ 2023): އެމެރިކާއިން ޔުކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށްދިނުމުގެ ވަގުތު މިހާރު ފާއިތުވެއްޖެކަމަށް އެމެރިކާ ކުރީގެ ދިފާއީ ވަޒީރެއްކަމަށްވާ މާކް އެސްޕާ ވިދާޅުވެއްޖެއެވެ.

އެސްޕާ ދެއްވި ބަޔާނެއްގައި ވިދާޅުވީ ޔުކްރެއިނަށް ބަރުހަތިޔާރު ނުދީ ރަޝިއާގެ ކުރިމަތީގައި އެގައުމަށް ހިފަހައްޓާނުލެވޭނެކަން އެމެރިކާއަށާއި ނޭޓޯގެ އެހެން ގައުމުތަކަށްވެސް އެނގޭ ކަމަށެވެ. ނަމަވެސް ސްޓްރެޓީޖިކް އެތައް ސަބަބުތަކަކާ ގުޅިގެން ޔުކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށްދޭން އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތައް ފަސްޖެހުމާއި ދޭން ކަނޑައަޅާފައިވާ ހަތިޔާރު ފޮނުވުމުގެ މަސައްކަތްވެސް އިންތިހާއަށް ލަސްވާތީ އޭގެ ފައިދާ ނެގުމުގެ ފުރުސަތު ރަޝިއާއަށް ވަނީ ލިބިފައެވެ.

އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް ކަމަށްވާ ޕެޓްރިއޮޓް ނިޒާމު ހޯދުމަށް ވެސް މީގެ އެތައް މަހެއްކުރިން ފެށިގެން ޔުކްރެއިނުން މަސައްކަތް ކުރަމުން ގެންދާކަމަށާއި ނަމަވެސް އެ ނިޒާމު އަދިވެސް ޔުކްރެއިނަށް ލިބޭނީ ހައެއްކަ މަސް ފަހުން ކަމަށްވުމީ ރަޝިއާއާ ކުރިމަތިލައިގެން ކާމިޔާބު ހޯދަން އޮތް ފުރުސަތު ޔުކްރެއިނަށް ގެއްލިގެން ދިޔުންކަމަށް އެސްޕާ ސިފަކުރެއްވިއެވެ.

ޔުކްރެއިނަށް ޓޭންކް ފޯރުކޮށްދޭން އެމެރިކާއާއި ނޭޓޯގެ ބައެއް ގައުމުތަކުން ނިންމި ނިންމުމަށްވެސް ވީ މިހެންކަމަށާއި އެތަކެތިވެސް ޔުކްރެއިނަށް ލިބޭނެކަމަށް ބެލެވެނީ އަދި ދެމަސް ފަހުންކަމަށްވާއިރު އެއީ ވަގުތުފާއިތު ވެގެންދިޔުންކަން އެސްޕާ ފާހަގަކުރެއްވިއެވެ.

އެސްޕާ މިހެން ވިދާޅުވެފައިވަނީ ޔުކްރެއިނުން ބޭނުންވާ ބަރުހަތިޔާރު ދިނުމަށް އެމެރިކާއާއި ޔޫރަޕުން ފަސްޖެހޭ މައްސަލާގައި ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ މާޔޫސްވެ ވަޑައިގެންފައިވާކަމަށް އެމެރިކާގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ "ނިއުސްވީކު" ބުނެފައިވަނިކޮށެވެ. ޒެލްންސްކީ ދާދިފަހުންވަނީ ރަޝިއާއާ ކުރިމަތިލުމަށްޓަކައި އަސްކަރީ ފައިޓާޖެޓް ވެސް ބޭނުންވާކަން ހާމަކުރައްވައި އެތަކެތި ހޯދުމަށް އިނގިރޭސިވިލާތަށާއި ނޭޓޯގެ މައި މަރުކަޒު ހުންނަ ބްރަސަލްސްއަށް ވަޑައިގެންފައެވެ. ނަމަވެސް ޔުކްރެއިނަށް ފައިޓާޖެޓް ދިނުމާމެދު އިނގިރޭސިވިލާތްވެސް އަދި ނޭޓޯގެ އެހެން ގައުމުތައްވެސް އަދި ގޮތެއް ނުނިންމައެވެ.

މުރާސިލުން ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ މައްސަލާގައި އެމެރިކާއާއި ނޭޓޯގެ އެހެންގައުމުތައް މިހާރުވަނީ ގޮތް ހުސްވާ ހިސާބުގައެވެ. ފައިޓާ ޖެޓް ފަދަ ބާރުގަދަ ގިނަ ހަތިޔާރުތަކެއް ޔުކްރެއިނަށް ނުދީ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިނަށް ހިފަހައްޓާނުލެވޭނެކަން ނޭޓޯއަށް އެނގުނު ނަމަވެސް މިފަދަ ހަތިޔާރު ޔުކްރެއިނަށް ފޯރުކޮށް ދީފިނަމަ އެކަމަށް ބަދަލުހިފުމުގެގޮތުން ނޭޓޯގެ ބައެއް ގައުމުތަކަށް ރަޝިއާ ހަމަލާދީފާނެކަމުގެ ބިރުވެސް ނޭޓޯއަށް އެބައޮތެވެ.

އެހެންކަމުން ނޭޓޯ އޮތީ މި ދެ މައްސަލައިގެ ތެރޭގައި ތާށިވެ ހަދާނެގޮތް ހުސްވާ ހިސާބުގައެވެ. މިކަމުގެ ނަތީޖާއަކީ ވަގުތު ފާއިތުވުމެވެ. އަނެއްކޮޅުން ބާރުގަދަ ހަތިޔާރު ޔުކްރެއިނަށް ދިންނަމަވެސް ނޭޓޯ އެދޭގޮތަށް ރަޝިއާގެ މައްޗަށް އަސްކަރީ ކާމިޔާބެއް ޔުކްރެއިނަށް ހޯދިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޭޓޯއަކަށް ނެތެވެ.

ނޭޓޯއަށް ބަރު ހަތިޔާރު ފޯރުކޮށްދޭން އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތައް ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި ޔުކްރެއިންގެ ތެރެއިން އެތަކެތި ރަޝިއާގެ އަތްދަށަށްގޮސް އޭގެ ޓެކްނޮލޮޖީ ރަޝިއާއަށް ލިބިދާނެކަމުގެ ބިރުވެސް ހިމެނޭކަމަށް އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވިއެވެ. އަނެއްކޮޅުން ޔުކްރެއިނަށް ހުއްޓުމެއްނެތި ހަތިޔާރު ފޯރުކޮށްދިނުމަކީ ދިގުމުއްދަތަކަށް ކުރެވޭނެކަމެއްނޫންކަން އެމެރިކާވެސް އަދި ނޭޓޯގެ އެހެން ގައުމުތައްވެސް ގަބޫލުކުރެއެވެ.

އަނެއްކޮޅުން ޔުކްރެއިނަށް ދޭ އެހީތަކާ ގާތަށްވެސް ރަޝިއާގެ ކުރިމަތީގައި ޔުކްރެއިނަށް ކާމިޔާބު ނުހޯދޭކަމީވެސް އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުގެ ކަންބޮޑުވުމެކެވެ.