ބަހުސްކުރާނެ މެމްބަރަކު ނުވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާ ސުވާލުކުރުމާއި، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމެވެ.

މިނިސްޓަރާ ސުވާލުކުރުމަށްފަހު، އެބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ބިލަށް ބަހުސްކޮށްފައި ވަނީ އެންމެ ފަސް މެމްބަރުންނެވެ.

އެއީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)އާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ސަޔަށް ފަހު 10:30 ގައި ޖަލްސާ އަލުން ފަށައި، ބަހުސްކުރުމަށް އެދިފައިވަނީ މެމްބަރު އިބްރާހީމް ރަޝީދުއެވެ. އޭނާ އެދިފައިވަނީ ދެވަނަ ފުރުސަތަކަށެވެ. އެބިލަށް ބަހުސްކުރުމަށް އިތުރު މެމްބަރަކު އެދިފައެއް ނުވެއެވެ.

ދެން އެޖެންޑާކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ ނަފްސާނީ ސިއްހަތާ ގުޅޭ ވަށާ ޖެހޭ ސިޔާސަތެއް ގާއިމް ކުރުމާ ގުޅޭ ގަރާރަށް ބަހުސްކުރުމެވެ. އެ ގަރާރަށް ބަހުސް ހުޅުވާލި ނަމަވެސް ބަހުސް ކުރުމަށް އެއްވެސް މެމްބަރަކު އެދިފައި ނުވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ނިންމާލައްވާފައެވެ.

މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ދަށް މައްސަލައަކީ އާންމުކޮށް ފާހަގަކުރެވޭ މައްސަލައެކެވެ. މިއަދުގެ ޖަލްސާ ފެށިއިރު ޖަލްސާއަށް ހާޒިރުވެތިއްބެވީ އެންމެ 33 މެންބަރުންނެވެ.

މަޖިލީހުގެ ތަޅުމުގެ މަސައްކަތް މިއަދު ނިންމާލި ނަމަވެސް ބައެއް ކޮމެޓީތަކުގެ މަސައްކަތް މިއަދު މެންދުރުފަހު ކުރިއަށް ދާނެއެވެ.