އެތައް އަހަރެއް ވަންދެއް މިއުޒިކާ ދުރުގައި ހުރުމަށްފަހު އާ މިއުޒިކާއެކު އެނބުރި އަންނާނެ ކަމަށް ބުނި ލަވަކިޔުންތެރިޔާ ރިއާނާގެ ވާހަކަ އަނެއްކާވެސް ބަދަލުވެއްޖެއެވެ.

ރިއާނާގެ ފޭނުން އޭނާގެ ލަވައެއް ނެރުމަށް ގޮވާލައި އިންތިޒާރު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަށް އެތައް އަހަރެއް ވަންދެން ރިއާނާ ދެމުން އައި ޖަވާބަކީ "ވަރަށް އަވަހަށް" އާ މިއުޒިކް ނެރޭނެ ކަމަށެވެ. އެއަށްފަހު ހަ އަހަރު ވީއިރު އޭނާގެ ކޮސްމެޓިކް ލައިނެއް ވަރުގަދަކޮށް، ދަރިއެއް ހޯދައި އާއިލާއެއް ވެސް ވަނީ ފަށާފައެވެ.

ދެން މިދިޔަ އަހަރުގެ ފަހުކޮޅުގައި ރިއާނާ އިއުލާނު ކުރީ މިއުޒިކާއެކު އަލުން ނިކުންނަން އުޅޭ ކަމަށެވެ. އެގޮތުން އެންއެފްއެލް ސުޕަބޯލްގައި ޕަފޯމް ކުރާނެ ކަމަށް އިއުލާނުކޮށް އާ މިއުޒިކް ނެރޭނެ ކަމަށް އޭނާ އިއުލާނު ކުރިއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ދެން ފެނުނީ "ބްލެކް ޕެންތާ" އަށް ޓްރިބިއުޓް ލަވައެއް ކިޔާ މަންޒަރެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކީ އޭނާގެ އަމިއްލަ އާ މިއުޒިކްގެ ވާހަކައެއް ނޫނެވެ. އެއާއެކު ފޭނުން އިންތިޒާރު ކުރަމުން އަންނަނީ އޭނާގެ އާ ސިންގަލް އެއް ނުވަތަ އަލްބަމެއް ނެރޭނެ އިރަކަށެވެ. ނަމަވެސް ރިއާނާ މިހާރު ދައްކާ ވާހަކައިން ހީވަނީ ފޭނުންނަށް އޮތީ އަދިވެސް އިންތިޒާރު ކުރުން ހެނެވެ.

ގުޑް މޯނިން އެމެރިކާ ޝޯއަށް އަރައި ވާހަކަ ދައްކަމުން ރިއާނާ ބުނެފައިވަނީ އާ މިއުޒިކް ނެރެން ވަރަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އަދި އެ މިއުޒިކް ނެރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ އަޕްޑޭޓެއް ދެވެން ނެތް ކަމަށް ވެސް ރިއާނާ ބުންޏެވެ.

ފޭނުން އިންތިޒާރު ކުރަމުން އައީ ސުޕަބޯލް ހާފްޓައިމްގައި ރިއާނާ ޕާފޯމް ކުރާނީ އާ މިއުޒިކާއެކުގައި ކަމަށެވެ. ނަމަވެސް އޭނާ ޕާފޯމް ކޮށްފައިވަނީ އޭނާގެ ކުރީގެ އަލްބަމްތަކުގެ ފާހަގަކޮށްލެވޭ ސިންގަލްތަކުގެ ބޮޑު ރިމިކްސް އަކަށެވެ. އަދި ވާހަކަ ދެކެވުނު ގޮތުގައި ރިއާނާގެ ޕަފޯމެންސްއަށް ފަހުގައި އޭނާގެ ބޮޑު ޓުއާއެއް އިއުލާނު ކުރާނެއެވެ. ނަމަވެސް ރިއާނާ އިއުލާން ކޮށްފައިވަނީ އޭނާ ދެވަނަ ދަރިއަކަށް ބަލިވެއިން ކަމެވެ.