ޖޭމްސް ކެމެރަންގެ "އެވެޓާ : ވޭ އޮފް ދަ ވޯޓާ" ބޮކްސް އޮފީހުގެ ތިންވަނައަށް އެރިތާ މާ ގިނަ އިރުތަކެއް ނުވެ، ޓައިޓޭނިކް އަރައި އަލުން އެ މަގާމު ހޯދައިފިއެވެ.

ކެމެރަން ޑައިރެކްޓު ކުރި ޓައިޓޭނިކް އަކީ އެތައް ދުވަހެއް ވަންދެއް ބޮކްސް އޮފީހުގެ އެއްވަނައިގައި އޮވެ އެންމެ ފަހުން ތިން ވަނަ މަގާމު ދަަމަހައްޓަމުން އައި ފިލްމެކެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި އެވެޓާ ވަނީ ޓައިޓޭނިކްގެ ރެކޯޑު މުގުރާލާފައެވެ. ނަމަވެސް އެ ރެކޯޑު ދެމެހެއްޓުނީ ކުޑަ ހިނދުކޮޅަކަށެވެ.

އެއަށްފަހު މިހާރު ބޮކްސް އޮފީހުގެ ތިން ވަނަ އަށް ޓައިޓޭނިކް ވަނީ އަރާފައެވެ. މިހެން ވެފައިވަނީ ޓައިޓޭނިކް ރިލީޒް ކުރި ފަހުން 25 އަހަރު ފުރުމުގެ އުފަލުގައި އެ ފިލްމު އަލުން ސިނަމާތަކަށް ނެރުމުންނެވެ. އެއާއެކު އެތައް ބަޔަކު ވަނީ ފިލްމު ބަލަން އަލުން ސިނަމާތަކަށް ގޮސްފައެވެ.

މިހާރު އެވެޓާގެ ދެވަނަ ފިލްމުގެ އާމްދަނީ، 2.18 ބިލިއަން ޑޮލަރުގައި އޮތް އިރު ޓައިޓޭނިކްގެ އާމްދަނީ ވަނީ 2.2 ބިލިއަން ޑޮލަރުން މަތިވެފައެވެ.

ޖޭމްސް ކެމެރަންގެ ޓައިޓޭނިކް މިފަހަރު ދައްކަމުން އަންނަނީ އަލްޓްރާ އެޗްޑީ، 4ކޭ ކޮލިޓީގައި ތުރީޑީކޮށެވެ.

ސިނަމާތަކުގައި ފިލްމު އެޅުވުމަށްފަހު އެތައް އަހަރެއް ވަންދެއް އޮތް ޓައިޓޭނިކް ވައްޓާލީ ވެސް ކެމެރަންއެވެ. ކެމެރަން 2009 ވަނަ އަހަރުގައި ނެރުނު އެވެޓާގެ ފުރަތަމަ ފިލްމާއެކު އެ ފިލްމު ވަނީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށް ވެފައެވެ. އެ ފިލްމުގެ އާމްދަނީ ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރާ ގާތް ކުރާއިރު ލިސްޓުގެ ދެވަނައިގައި 2.7 ބިލިއަން ޑޮލަރާއެކު އޮތީ އެވެންޖާގެ "އެންޑް ގޭމް" އެވެ.